ޚަބަރު

މުއްދަތު ހަމަވިއިރު 1300 ދަރިވަރުން ލޯނަށް ކުރިމަތިލި


މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ހުޅުވާލި ލޯނު ފުރުޞަތުގައި މުއްދަތު ހަމަވިއިރު 1300 ދަރިވަރުން ކުރިމަތިލައިފިއެވެ.. ލޯނަށް އެދުމުގެ ފުރުޞަތު އިއްޔެ ހަމަވިއިރު ލޯނު ލިބުނު ފަރާތްތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސްޓޫޑެންޓް ލޯން ސްކީމުގެ އުޞޫލުތަކަށް ބަދަލުގެނެސް ކުރިއަށްވުރެ ފަސޭހައިން ދަރިވަރުންނަށް މި ލޯނަށް ކުރިމަތިލެވޭނެ އިންތިޒާމްތަކާއެކުގައެވެ. މިއަހަރު ފުރަތަމަ ބުރުގައި ލޯނަށް ހުޅުވާލި މި ފުރުޞަތުގައި 1300 ކުދިން ވަނީ އެޕްލިކޭޝަން ހުށައަޅާފައެވެ.

ސްޓޫޑެންޓް ލޯން ސްކީމުގެ ފުރަތަމަ ބުރުގައި 550 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.
މިއަހަރު ލޯނު ދިނުމަށް ސްލޮޓުތައް ކަނޑައަޅާފައިވަނީ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ޓްރެއިނިންގ ނީޑް އެނާލިސިސްގެ ހޯދުންތަކާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަން އަދި މެޑިކަލްގެ ދާއިރާއިން ޚާއްސަ ސްލޮޓުތަކެއް ވަނީ ކަނޑައަޅާފައެވެ.

ސްޓޫޑެންޓް ލޯން ސްކީމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯނު ދޫކުރުމުގެ އުޞޫލަށް ހަޔަރ އެޑިއުކޭޝަނުން ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަލަށް އެކުލަވާލާފައިވާ އުޞޫލުގެ ދަށުން މާލީގޮތުން ފުދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިހާރުވެސް ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކިޔެވުން ފުރިހަމަ ނުކުރެވޭ ދަރިވަރުންނަށްވެސް އަލުން ލޯނަށް ކުރިމަތިލެވޭނެއެވެ. ލޯނަށް ކުރިމަތިލާއިރު ހުށަހަޅާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލަށް މިހާރުވަނީ ބަދަލުގެނެސްފައެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާގެ މެމްބަރުންނަށް އެ ދިރިއުޅޭ ޤައުމަކުން މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާނަމަ އެފަރާތްތަކަށްވެސް މި ލޯނަށް ކުރިމަތިލެވޭނެކަމަށާއި، ވީހާވެސް ގިނަ ބަޔަކަށް ލޯނުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިންތިޚާބީ ކޮންމެ ދާއިރާއަކަށް އެއް ސްލޮޓު ރިޒަރވްކޮށްފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.