ޚަބަރު

މަނާ ވަގުތުގައި މިއަދު ނުކުތްމީހުން މާގިނަ ، މާދަމާ ފިޔަވަޅު އަޅަން ފަށާނެ


ކޯވިޑް-19އިން ރައްކަތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުގައި އިއްޔެއާ އަޅާބަލާއިރު މިއަދު ބޭރަށް ނުކުތް މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މަނާވަގުތުގައި ބޭރަށް ނުކުތް 183 މީހަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދީފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 151 ދިވެހިންނާއި 32 ބިދޭސީންނެވެ. އަދި ދެވަނަ ފަހަރަށް 11 މީހަކަށް ނަސޭހަތް ދީފައިވާކަމަށާ މީގެ ތެރެއިން 1އަށް އިންޒާރުވެސް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެއެވެ.

މިކަމާގުޅިގެން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މްބްރޫކް އަޒީޒު ވިދާޅުވީ ބޭރަށް ނުކުރުން މުޅިން މަނާކޮށްފައިވާ ވަގުތުކޮޅު ކުޑަކަމަށްބުނެ ބައެއް މީހުން ޚިޔާލު ފާޅުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެހާ ކުޑަވަގުތު ކޮޅަކަށްވެސް ކަމާބެހޭ ފަރާތްތަކުން އަންގަވާފައިވާ އެންގެވުމަށް ތަބާނުވެވޭ ބަޔަކު ތިބިކަމީ ހިތާމަކުރާ ކަމެއްކަމަށެވެ.

މަނާވަގުތު ބޭރަށް ނުކުމެ އުޅުނު އެއްވެސް މީހަކާމެދު އަދި މިހާތަނަށް ހަރުކަށި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން މަނާވަގުތުތަކުގައި ބޭރުގައިއުޅޭ މީހުންނާމެދު ފިޔަވަޅުއަޅުއްވާނެކަމަށް ފުލުހުންގެ ފަރާތުންވަނީ ވިދާޅުވެފައެވެ.

"އިއްޔެ މާލެއިން 95 މީހުން މިއަދު 284 މީހުން. އިއްޔެ ހުޅުމާލއިން 11 މިއަދު 67. އިއްޔެ ވިލިމާލެއިން 9 މިއަދު 25. މިދިޔަ ދެދުވަހު 376 މީހަކު މިވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު. މީގެ ތެރޭގައި 333 ދިވެހިން އަދި 43 މީހުންނަކީ ބިދޭސިން." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅުއްވާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00އިން ރޭގަނޑު 20:00އަށް މީހުން ގެއިން ނުކުތުންވަނީ މަނާކޮށްފައެވެ. މިއެންގުމާއި ޚިލާފްވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ދެއްވާފައެވެ.

މިއެންގުމާއި ޚިލާފަށް އިއްޔެ މަގުމަތީގައި އުޅުނު 95 މީހަކަށް ފުލުހުންވަނީ ނަސޭހަތްތެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 82 ދިވެހިންނާއި، 13 ބިދޭސީއެކެވެ.