ފަރުކޮޅު ފުށީގެ އައިސޮލޭޝަން ފެސިލިޓީ ޤާއިމްކުރުމަށް 5.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ފަރުކޮޅު ފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީސް ހަދާފައިވަނީ 2 ފިޔަވިއްސަކަށް ބަހާލައިގެންނެވެ. ނެޝަނަލް އެމަރެޖްނެސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ ފަރުކޮޅު ފުށީގެ އައިސޮލޭޝަނަށް 5.9 މިލިޔަން ރުފިޔާ ޚަރދަުވެފައިވަނީ އެތަނަށް ބޭނުންވާ އިކުއިޕްމެންޓްތަކާ އެކުގައިކަމަށެވެ.
ފަރުކޮޅު ފުށީގެ އައިސޮލޭޝަނަކީ ކޯވީޑް-19އާ ގުޅިގެން ފުރަތަމަ ހެދި އައިސޮލޭޝަނެވެ. އެހެންނަމަވެސް އެތަން މަރާމާތަށް ބަންދުކުރުމަށްފަހު މިހާރު ފަރުކޮޅު ފުށީގެ އައިސޮލޭޝަން ފެސިލިޓީގައި ހުރި މައްސަލަތައް ޙައްލުކޮށް އަލުން އެތަން ހުޅުވަން ތައްޔާރުވެފައެވެ.
50 އެނދުގެ ޖާގައިގެ މި ފެސިލިޓީގައި 2 އެނދުގެ އައިސީޔޫއަކާއި ވެންޓިލޭޓަރަކާއި، ޓަރައެޖް ޑިޕާޓްމެންޓަކާއި ބަލިޖެހިފައިވާ މީހުންގެތެރެއިން މަރުވާ މީހުން ހިނެވުމަށް ހިނަވާ ގެއެއްވެސް ވަނީ ތަރައްޤީކޮށްފައެވެ. 4 ވޯޑަކަށް ބަހާލައިގެން ތަރައްޤީކޮށްފައިވާ މި ފެސިލިޓީގެ ކޮންމެ ވޯޑެއްގައި 2 ފާޚާނާ ހުރެއެވެ.
މަރާމާތާއެކު ވޯޑްތަކުގެ ކަރަންޓުގެ މައްސަލަތައް މުޅިން ޙައްލުކޮށްފައިވާއިރު، ކޮންމެ ވޯޑެއްގައި ޓީވީ ބަހައްޓައި ވައިފައިލިބޭނެ އިންތިޒާމު ވަނީ ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ކޮންމެ ވޯޑެއްގެ ބޭރުގައި އަތްދޮވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.
ފަރުކޮޅު ފުށީގައި އައިސޮލޭޓްކުރަނީ، ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީގެ މީހުންނެވެ. މި އިންތިޒާމު މިގޮތައް ހަމަޖެއްސީ މި ފަދަ ފަރާތްތައް ކްރިޓިކަލް ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމުގައި ފަސޭހަކޮށްދިނުމަށެވެ. މި ފެސިލިޓީއަށް ގެންދާ ހުރިހާ ބަލި މީހުންވެސް ގެންދާނީ ކަނޑުމަގުން ފަރުކޮޅު ފުށީ ފާލަން ސަރަހައްދަށެވެ.