ޚަބަރު

ފެނިގެންމިދަނީ ސިއްޙީ ހިދުމަތްތެރިންގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން- ރައީސް


ކޯވިޑް-19އާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަން ވަރަށް ބޮޑަށް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ކޯވިޑް-19 އާ ދެކޮޅަށް ޑޮކްޓަރުންނާއި، ނަރުހުންނާ އަދި އެހެނިހެން ސިއްހީ މާހިރުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިދަނޑިވަޅުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަން ވަރަށް ރަނގަޅަށް ފެންނަމުންދާކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ. ރައީސްގެ ޓްވީޓުގައި ސިއްހީ ޚިދުމަތްތެރިން އެމީހުންގެ މަސައްކަތަށް ކުރާ ގަދަރާއި ލޯބި މިދަނޑިވަޅުގައި ހާމަވެގެންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސްގެ ޓްވީޓުގައި ދުނިޔޭގެ ސިއްޙަތު ދުވަސް މިއަދު ފާހަގަކުރާއިރު މިހާރު މުޅި ދުނިޔެވެސް ދެކެމުން މި އަންނަނީ ފަހުގެ ތާރީޚެއްގައި އިންސާނުންނަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ އެއް ކާރިޘާކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހެވެ. ވަކި ޚާއްސަ ޝިޢާރެއްގެ ދަށުން ޞީއްޙީ ގޮތުން މުހިންމު މެސެޖެއް ދިނުމަށް ފާހަގަކުރާ މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1950 ވަނަ އަހަރުން ފެށިގެން އަންނަނީ ފާހަގަކުރަމުންނެވެ.

މިއަހަރުގެ މިދުވަސް ދިމާވެފައި މިވަނީ ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި މި އަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ "ސަޕޯޓް ނާރސަސް އެންޑް މިޑްވައިވްސް"އެވެ.