މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން އަންގައިފިއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީން ކުރި އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަކުރައްވާފައެވެ.
އަދި މިފަދަ ބާރުގަދަ ރިޕީޓަރު ފަދަތަކެތި ބޭނުންކުރުމުން އެބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވިޔަސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވެ އަސަރުކުރާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. މީގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ދަތިތައް ކުރިމަތިވާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ އެ އޮތޯރިޓީއަށް ހުށަހެޅުއްވުމުންވެސް މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީން ވިދާޅުވީ މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ އެކަން މޯބައިލް ޚިދުމަތްދޭ ކުންފުނިތަކަށް އެންގުމުން އެ މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކުރާނެކަމަށެވެ. އަދި މިކަން ރަނގަޅުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން މޯބައިލް ޚިދުމަތް ދޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.