ޚަބަރު

މާލޭގެ 68 ފަޅުގެއެއްގައި ކުނި ޖަމާކޮށްފައި އެބަހުރި - ސިޓީ ކައުންސިލް


މާލޭގައި ހުރި ފަޅު ގެތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލުން އެއްކޮށްފިއެވެ.

ސިޓީ ކައުންސިލުން މި މަސައްކަތް ކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ތެރެ ސާފު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މިދިޔަ ހަފުތާގައި އެ ކައުންސިލުން ކުރި މަސައްކަތުން މާލޭގެ އެކި ސަރަހައްދުތަކުގައި ފަޅުކޮށް ހުރި ތަންތަނުގެ ތެރެއިން ކުނި ޖަމާވެފައިހުރި ތަންތަން ބަލައި ލިސްޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ 68 ތަނެއް ފާހަގަވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މީގެ ތެރޭގައި އިމާރާތް ކުރަން ފެށުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓާލާފައިހުރި ތަންތަންވެސް ހިމެނޭކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު އެ ތަންތަނުގެ ވެރި ފަރާތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއަށް ފަހު މި ތަންތަނުގައި ޖަމާވެފައި ކުނިތައް ނަގައި ސާފު ކުރުމަށް އެ ފަރާތްތަކަށް އަންގާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ދޮވުމުގެ މަސައްކަތް ވެސް ކޮށްފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ވިލީމާލޭގެ ސިނާޢީ ސަރަޙައްދުގެ ހިރިގާ ތޮށި މަތީގައި ބަހައްޓާފައިހުރި ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް ވަނީ އަންގާފައެވެ.