މިސްކިތެއް ބަންދުކުރަންޖެހޭ ޙާލަތަކަށް ހިނގައްޖެނަމަ އެ މިސްކިތެއް ބަންދުކުރަން ޖެހޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިފަދައިން ވިދާޅުވެފައި ވަނީ އެ މިނިސްޓްރީގެ ހުއްދަ ނުހޯދާ މިސްކިތްތައް ބަންދުކުރަމުންދާތީ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
އެގޮތުން މިސްކިތް ބަންދުކުރުމާއި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ބޭނުންކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ތަނެއް ބިނާކުރުމާއި މަރާމާތުކުރުންފަދަ މަސައްކަތްތައް ކުރުމަށްވެސް އެމިނިސްޓްރީގެ ހުއްދަ ހޯދުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މީގެ އިތުރުން މިސްކިތުގައި ބޭނުންކުރުމަށް ބަހައްޓާ ލިޔުންތައް މިސްކިތުގައި ބަހައްޓާނީ އެ މިނިސްޓްރީން ބަލައި ޗެކްކޮށް އަދި މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތައް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މިސްކިތުގައި ހުންނަ ސައުންޑް ސިސްޓަމް، ބަންގި ގޮވުމަށާއި އެމިނިސްޓްރީން ހުއްދަދީގެން އަންގާ އެންގުންތައް ކިޔުން ނޫން އެހެންކަމަކަށް ބޭނުންކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދާއި ރިޒޯޓްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައެވެ. އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އެމިނިސްޓްރީންވަނީ އަންގަވާފައެވެ. އެހެންނަމަވެސް އެއްވެސް މިސްކިތެއް ބަންދުކުރުމަށް އެ މިނިސްޓްރީން އަންގަވާފައެއް ނުވެއެވެ.