ޚަބަރު

ކޯވިޑް-19: ކަރަންޓީން ފެސިލިޓީތަކުގައި ތިބި އިތުރު 28 މީހަކު ދޫކޮށްލައިފި


ކޯވިޑް-19އާ ގުޅިގެން ކަރަންޓިން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން 28 މީހަކު މިއަދު ދޫކޮށްލާފައިވާކަމަށާ މިހާރުވެސް ކަރަންޓިން މުއްދަތު ހަމަވެ 200 މީހެއްގެ ސާމްޕަލް ނަގާފައިވަކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މި އެންމެންވެސް ދޫކޮށްލާފައިވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށް ޓެސްޓުކުރުމަށްފަހު ކަމަށާ، މިހާތަނަށް ކަރަންޓީން ފެސިލިޓީގގަތިބި 325 މީހަކު ދޫކޮށްލާފައިވާކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވިއެވެ.

ކޯވޯޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން ރާއްޖެއިން މިހާތަނަށް 2000 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން މަބުރޫކް ވިދާޅުވީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން 2350 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން 2509 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. މިހާތަނަށް ލެބޯރިޓީގައި 272 ސާމްޕަލްގެ ނަތީޖާ ނުލިބިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

އަދި އައިސޮލޭޝަންގައި 12 މީހަކު ތިބިއިރު ކަރަންޓިން ފެސިލިޓީގައި 1019 މީހަކު ތިބިކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެތެރޭގައި މެލޭޝިއާއިން އައި 197 ދިވެހިންނާއި އިންޑިއާގެ ކޮޗިންއިން އައި 188 ދިވެހިންނާއި ސްރީލަންކާއިން އައި 100 ދިވެހިން ހިމެނެއެވެ.

"މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖޯއަލި މޯލްޑިވްސް ރިސޯޓާއި ރ.އަތޮޅު ބޮޑުފުށި ރިސޯޓް، ވެލައްސަރު، މާފުށި، މޯލްޑިވިއަން ސަފާރީ، އައިލެންޑް ސަފާރީ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފުލޫ ކްލިނިކް ތަކަށް މިއަދު އެކަނިވެސް 130 މީހަކު ދައްކާފައިވާކަމަށާ، މިހާތަނަށް 6369 މީހަކު މިތަންތަނުން ޚިދުމަތް ހޯދާފައިވާކަމަށް މަބްރޫކް ވިދަޅުވިއެވެ. އަދި މީހާތަނަށް 18 ރިސޯޓަކާއި 43 ސަފާރީއަކުން މީހުން އަރާ ފޭބުމުގެ ހުއްދަވަނީ ދީފައެވެ.