ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް އޭނައާ ކޮންޓެކްޓްވި 33 މީހަކު އެކަހެރިކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި އެމީހާ ހުރި ރިޒޯޓުގެ މުވައްޒަފުންނާއި އެމީހާ ގޮވައިގެން ދަތުރުކުރި ކުރޫއާއި އެއަރޕޯޓް ގްރައުންޑް ސްޓާފުން ހިމެނޭކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 21 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް މަބްރޫކް ވިދާލުވިއެވެ. އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާތީ އެމީހާއާ ބައްދަލުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް މަބްރޫކް ވިދާލުވިއެވެ.
ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާ މަސައްކަތް ކުރި ޖޯއަލި މޯލްޑިވްސް ރިސޯޓާއި، ރ.އަތޮޅު ބޮޑުފުށި ރިސޯޓް މިހާރު އޮތީ ކޮންޓެކްޓް ޓްރޭސްކޮށް ނިމެންދެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. އޭގެ ތެރެއިން 13 މީހުންނަކީ ރާއްޖެއިން ބޭރުގެ މީހުންނެވެ. މިއެންމެވެސް މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ މި ބައްޔަށް ޕޮޒިޓިވްވި 4 ދިވެހިން އެކަންޏެވެ. މި 4 ދިވެހިންވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިގިރޭސިވިލާތުން އެނބުރި ރާއްޖެ އައުމުން ބައްޔަށް ޓެސްޓު ކުރުމުންނެވެ. މިއެންމެގެ ހާލުވެސް ރަގަނޅުކަމަށް އެމީހުން ބަލަހައްޓަމުންދާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.