ޚަބަރު

ކޯވިޑް-19: ވިލިވަރު ފޭސް 2 ގައި ކަރަންޓީން ފެސިލިޓީއެއް ދެން ޤާއިމް ނުކުރާނެ


ވިލިވަރު ފޭސް 2 ގައި ގާއިމްކުރުމަށް ކުރިން ނިންމާފައިވާ ކަރަންޓީން ފެސިލިޓީ ޤާއިމް ނުކުރާގޮތަށް ހަމަޖައްސައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިލިވަރު ކަރަންޓީން ފެސިލިޓީގެ ފޯކަލް ޕޮއިންޓް އަލީ ޙާޝިމް ވިދާޅުވީ ވިލިވަރު ފޭސް ދޭއްގައި އެޅުމަށް ނިންމި ކަރަންޓިން ފެސިލިޓީ ނާޅާގޮތަށް ހަމަޖައްސާފައިވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވާތީ އާއި މިހާރުވެސް ގިނަ ރިސޯޓްތަކެއް ކަރަންޓީން ފެސިލިޓީތައް ހިންގުމަށް ލިބެމުންދާތީ އިތުރު ޚަރަދުތައް ނުކުރުމަށްކަމަށެވެ.

ޙާޝިމް ވިދާލުވީ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެތަނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުން ވިޔަފާރިވެރިން އެތަން ހަދައި ދޭ ގޮތަށްކަމަށެވެ. ވިލިވަރުގެ ފޭސް 2 ގައި އެޅުމަށް ނިންމާފައިވީ 70 ރޫމްގެ ފެސިލިޓީއެކެވެ. ޙާޝިމް ވިދާޅުވީ ރޭގައި ވިލިވަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަޙައްދުގައިކަމަށެވެ. އަދި އޭރު އެތަން އޮތީ ސާފުކޮށްފައިކަމަށެވެ.

ވިލިވަރަކީ ކޯވިޑް19އިން ރައްކާތެރިވުމަށް ރާއްޖޭގައި ހެދި ފުރަތަމަ ކަރަންޓީނު ފެސިލިޓީއެވެ. ވިލިވަރުގައި ތަރައްޤީކޮށްފައި މިކަރަންޓީނު ފެސިލިޓީ ހަދާފައި ވަނީ އެންމެ 10 ދުވަހުގެ ތެރޭގައެވެ.

ވިލިވަރުގައި ޤާއިމްކޮށްފައިވާ މި ކަރަންޓީން ފެސިލިޓީއަކީ 30 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަން ހަދާފައިވަނީ އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓުވެސް އިތުރު ކުރެވޭގޮތަށެވެ. މި ފެސިލިޓީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.

ވިލިވަރު ކަރަންޓީން ފެސިލިޓީގައި އޭސީ އާއި ޓީވީ ހަރުކޮށްފައިވާއިރު ކޮޓަރިތެރޭގައި ތިބެގެން ކައިބޮއިހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެތަނުގައި ކަރަންޓީން ކުރާ ފަރާތްތަކަށް އެތަނުން ބޭރަށް ނުކުމެ އުޅެވޭނެގޮތަށް ބީޗް ސަރަހައްދެއްވެސް ވަނީ ކަނޑައަޅާފައެވެ.