ޚަބަރު

ކޯވިޑް-19 : ވިލިވަރު ކަރަންޓީންގައި ތިބި 22 މީހަކު ހޮލިޑޭ އައިލެންޑް ރިސޯޓަށް ބަދަލުކޮށްފި


ރޭ މާލެ އަތޮޅު ވިލިވަރުގައި ހިނގި އަލިފާނުގެ ހަދިސާއާ ގުޅިގެން އެރަށު ކަރަންޓިން ފެސިލީޓީގައި ތިބި 22 މީހަކު ހޮލިޑޭ އައިލޭންޑް ރިސޯޓަށް ބަދަލުކޮށްފިއެވެ.

ވިލިވަރު ފެސިލިޓީގެ ފޯކަލް ޕޮއިންޓް އަލީ ޙާޝިމް ވިދާޅުވީ ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން އިޓަލީވިލާތުގެ 3 ފަތުރުވެރިން ނޫން އެންމެން ހޮލިޑޭ އައިލޭންޑަށް ޜޭ ދަންވަރު ބަދަލުކޮށްފައިވާކަމަށެވެ. އަދި އެ ރިސޯޓަށް ބަދަލު ކުރި މީހުން އަނބުރާ އެ ރަށައް ގެނައުމުގެ ވިސްނުމެއް ނެތްކަމަށާއި އިތުރު ބަޔަކު އެރަށަށް ގެންނަނަމަވެސް ގެންނާނީ ޑިސްއިންފެކްޓްކުރުމަށް ފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ވިލިވަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރަށު ފޭސް 2 ގައި ކަރަންޓީން ފެސިލިޓީ ޤާއިމްކުރުމަށް ނިންމި ސަރަޙައްދުގައި ހުރި ކޮންޓެއިނަރތަކެއްގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. އަދި މި އަލިފާންގަނޑު ރޭ މެންދަމު ވަނީ ނިއްވާލާފައެވެ.

ވިލިވަރަކީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމްކުރި ކަރަންޓީން ފެސިލިޓީއެވެ. މިއީ 30 މީހުންގެ ޖާގައިގެ ތަނެކެވެ. ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންނަ ކެއުން ހަމަޖައްސައިދެނީ އެރަށާ ކައިރީގައި އޮންން ބިޔާދޫ އިންނެވެ.

ރާއްޖޭގައި މިހާތަނަށް ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ ތަކުގައި 1000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި މިހާތަނަށް ކަރަންޓީންގައި ތިބި 325 މީހަކު ވަނީ ދޫކޮށްލާފައެވެ.