މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޯވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ
މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލަރ ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑަރޝިޕަށް ތައުރީފްކުރައްވާފައެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.
ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަޞީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ކޯވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ބެޗް ރާއްޖެއާ ޙަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި އެހީގައި ހިމެނެނީ ދިހަ ހާސް އަށްޑިހަ، މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި ތިރީސްހާސް ސާޖިކަލް މާސްކާއި ދިހަ ހާސް ސިންގަލް ޔޫސް އަންގިއާއި ފަސްސަތޭކަ ސްޓެސްކޯޕާއި، ދުއިސައްތަ ގޮގްލް އާއި ރައްކާތެރިވުމަށް އަޅާ ފޭރާމުގެ ފަސް ސަތޭކަަ ފޭރާމެވެ.
މީގެއިތުރުން ޗައިނާއިން މިހާރު ޤާއިމުކޮށްފައިވާ އޮންލައިން ކޯވިޑް-19، ނޮލެޖް ސެންޓަރުގެ އެހީއާއެކު އާންމުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށްވެސްވަނީ ނިންމާފައެވެ.
މި އެހީގެ އިތުރުންވެސް ވެންޓިލޭޓަރު ފަދަ ތަކެއްޗާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުންވެސް ރާއްޖެއަށް ތަފާތު އެހީތައް ވެދިނުމަށް ޗައިނާއިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޗައިނާގެ އަލީބާބާ ކުންފުނިންވެސް ރާއްޖެއަށް އެހީވެދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ރާއްޖެ ހިމެނޭހެން އޭޝިއާގެ 10 ޤައުމަށް ޖުމްލަ 1.8 މިލިއަން މާސްކާއި، ދުއިސައްތަ ދިހަ ހާސް ޓެސްޓް ކިޓާއި، ތިރީސް ހަ ހާސް ޕްރޮޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތަމޯމީޓަރުތައް ހަދިޔާކުރުމަށް އަލީބާބާއިން ވަނީ ނިންމާފައެވެ.