ޚަބަރު

ފުރަބަންދުގައިވެސް ޖެންޑަރ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުން އެއް މިންވަރެއްގައި


ފުރަބަންދުގެ މުއްދަތުގައިވެސް ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތައް ހުރީ އެއް މިންވަރެއްގައިކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެންސްދޭ ކޯވިޑް-19ގެ ލައިވް ކަވަރޭޖްގައި ފޯނުން ވާހަކަފުޅުދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވިދާޅުވީ އެހެން މަސްތަކާ އެއްގޮތަށް މިދުވަސްވަރުވަސް އެ މިނިސްޓްރީއަށް މައްސަލަތައް ރިޕޯޓް ކުރަމުންދާކަމަށާ ނަމަވެސް ރިޕޯޓް ކުރާ މައްސަލަތައް ވަކިއިތުރުވަމުން ނުދާކަމަށެވެ.

މިހާރު އެމިނިސްޓްރީއަށް މައްސަލައެއް ހުށައަޅަން ޖެހެނީ އެމިނިސްޓރްީގެ ހޮޓްލައިންނަށް ގުޅައިގެން ނުވަތަ މިނިސްޓްރީއަށް ގޮސްގެންކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ ފުރަބަންދުގެ މުއްދަތުގައިވެސް އެ މިނިސްޓްރީއަށް މައްސަލައެއް ހުށަހަަޅައިފިނަމަ އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް އެގެއަކަށް ގޮސް އެކަން ހިނގާދާގޮތް ބަލާނެކަމަށެވެ. މިދުވަސްތަކުގައި ގޭގައި ޢާއިލާއާއެކު ތިބޭއިރު އެއްވެސް މީހަކަށް އަނިޔާނުކޮށް އެކަކު އަނެކަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔުމްނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޖެންޑަރ މިނިސްޓްރީއަށް އާއްމުގޮތެއްގައި އެންމެ ގިނައިން ހުށައަޅާނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލައެވެ. މިއަހަރުގެ ފާއިތިވެދިޔަ 3 މަސްދުވަހުވެސް ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް އެމިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. ޞިއްޙީގޮތުން ކުރިމަތިވެފައިމިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް މިމައްސަލަތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދަނޑިވަޅުގައިވެސް ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ވިޔަސް އަދި ގެވެށި އަނިޔާގެ މައްސަލައެއް ވިޔަސް 1412އަށް ގުޅައިގެން މައްސަލަ ހުށަހެޅޭނެއެވެ.

ފާއިތުވެދިޔަ 3 މަސްދުވަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު ގެވެށިއަނިޔާގެ ގޮތުގައި ތިން މަސްދުވަހުގެތެރޭގައި ހުށަހަޅާފައިވަނީ 99 މައްސަލައެވެ. މިމުއްދަތުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 391 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

ފާއިތުވެދިޔަ 3 މަސްދުވަހު މައްސަލަތައް ހުށަހެޅިފައިވާގޮތް

  • ގެވެށި އަނިޔާގެ 99 މައްސަލަ
  • ޖެނުއަރީ މަހު 34 މައްސަލަ
  • ފެބުރުއަރީ މަހު 39 މައްސަލަ
  • މާރޗް މަހު 26 މައްސަލަ

ކުޑަކުދިންނާ ގުޅުންހުރި 391 މައްސަލަ

ޖެނުއަރީ މަހު 121 މައްސަލަ
ފެބްރުއަރީ މަހު 169 މައްސަލަ
މާރޗް މަހު 101 މައްސަލަ