ކޯވިޑް-19ގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ގެސްޓްހައުސް އެއޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްއިން ވާރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
ގޭމްއިން ބުނީ މިބައްދަލުވުންތައް ކޮންމެ ހަފްތާއަކު އަންގާރަ އަދި ހޮނިހިރު ދުވަހު ރޭގަނޑު ދިހައެއް ޖަހާއިރު ބާއްވާނެކަމަށެވެ. އަދި މިއީ ގެސްޓްހައުސްތަކާއި، ގެސްޓް ހައުސް ވިޔަފާރިއާއި ގުޅުންހުރި އެހެން ހިދުމަތްދޭ ފަރާތްތަކުން ބައިވެރިވާނެކަމަށެވެ. ވާރޗުއަލް މިބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް މިކަމާބެހޭ ލިންކެއް ފޮނުވާނެކަމަށް ގޭމްއިން ބުނެއެވެ. އަދި ފޭސްބުކް މެދުވެރިކޮށްވެސް ބައްދަލުވުން ލައިވް ކުރާނެއެވެ.
ގޭމްގެ ރައީސް މޫސާ ނާސިހް ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިބައްދަލުވުންތަކުގެ ތެރެއިން ކޯވިޑް-19 ގެ ސަބަބުން ގެސްޓްހައުސް ތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، މިކަންކަމުން އަރައިގަނެވޭނެ ގޮތްތަކާއި، އަލުން ގެސްޓް ހައުސްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތްތަކާއި، ހިދުމަތައް ގެސްޓް ހައުސްތައް ހުޅުވުމުގައި ސަމާލުވާންވި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރާނެކަމަށެވެ. އަދި މީގައި ގޭމްގެ ތިން ބޭފުޅަކާއި، ގެސްޓްހައުސްތަކުގެ އޮފިޝަލުންގެ އިތުރުން ޑައިވް ސެންޓަރުތަކާއި، ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތަކާއި، އެކްސްކާޝަން ހިދުމަތްދޭ ފަރާތްތަކުން ވެސް ބައިވެރިވެވޭނެކަމަށެވެ.
ނާސިހް ވިދާޅުވީ މިބައްދަލުވުންތަކުގެ ޒަރިއްޔާއިން ގެސްތްހައުސްތަކުން ހިއްސާކުރާ މައުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި އެޖަމިއްޔާއައި އެކު ރަޖިސްޓަރވެފައިވާ 350 ގެސްޓް ހައުސްގެ އިތުރުން ރަޖިސްޓްރީ ނުކުރާ ގެސްޓްހައުސްއަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށްވެސް މި ފޯރަމްގައި ބައިވެރިވެވޭނެކަމަށެވެ. ފޯރަމްގައި ބައިވެރިވުމަށް [email protected] ، www.gam.org.mv އަދި 7749898 އަށް ހުށަހެޅޭނެކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި ފޯރަމް ގައި ބައިވެރިވުމަށް ހުށަހަޅާ ހުރިހާ ފަރާތްތަކެއް ހަމަވަންދެން ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށް ގޭމްއިން ބުނިއެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ގޭމްއިން ވަނީ ރާއްޖޭގައި ހިންގާ ގެސްޓްހައުތަކުގެ ކަންބޮޑުވުންތައް ސާރވޭއެއް މެދުވެރިކޮށް ހޯދާ، ކަމާބެހޭ ފަރާތްތަކާއެކު ވެސް މީގެކުރިން ހިއްސާ ކޮށްފައެވެ.