ކުޑަކުދިން ކުޅެން ގެންގުޅޭ ތަކެއްޗަކީ ވަރަށް ސާފުތާހުރިކޮށް އަދި ރައްކާތެރިކޮށް ގެންގުޅެން ޖެހޭ ތަކެއްޗެވެ. ޚާއްސަކޮށް ތުއްތު ކުދިން ގެންގުޅޭ މިފަދަ ތަކެތި ވަރަށް ސާފުތާހިރުކޮށް ގެންގުޅެން ޖެހެއެވެ. ސަބަބަކީ ކިރިޔާވެސް ހިރަފުސްކޮޅެއް ޖެހޭއިރަށްވެސް މިކުދިން ވަރަށް ފަސޭހައިން ބަލިވެއެވެ.
މިސަބަބަށްޓަކައިވެސް ބައެއް ބެލެނިވެރިން ކުދިން ކުޅެން ގެންގުޅޭ ތަކެތި އެހެން ކުދިންނަށް ނުދީވޭތޯ ބަލައެވެ. އެހެންނަމަވެސް ގިނަ މީހުންނަކީ އެއްކުއްޖަކު ކުޅެން ގެންގުޅޭ ކުޅޭ ސާމާނު އެހެން ކުދިންނަށް ދީގެން އުޅޭ މީހުންނެވެ. ޚާއްސަކޮށް ޢާއިލާގެ ތެރޭގައެވެ. ބެލެނިވެރިން އެތަކެތި ނުދިން ނަމަވެސް ކުޑަކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކުޅޭ ސާމާނު ޝެއަރކުރެއެވެ.
އެހެންނަމަވެސް މި ދަނޑިވަޅުގައި ބެލެނިވެރިން މިކަމާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެއް ކުއްޖަކު ކުޅެން ގެންގުޅޭ ތަކެތި އަނެއް ކުއްޖާއަށް ނުދީވޭތޯ ވީހާވެސް ބޮޑަށް ބަލަންޖެހެއެވެ. ސަބަބަކީ މިދުވަސްވަރަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ ދުވަސްވަރަށް ވުމާއެކު މިބަލި ކުޑަކުދިންނަށްވެސް ޖެހެމުންދިއުމެވެ. މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވުމާއެކު ކުޅޭ ސާމާނު ޝެއަރ ކުރުމުގެ ސަބަބުންވެސް ބަލި ފެތުރުމަކީވެސް އެކަށީގެންވާކަމެކެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ޑރ.އިބްރާހީމް އަފްޒަލްވެސް ވަނީ މިދުވަސްވަރު އެއްކުއްޖަކު ގެންގުޅޭ ކުޅޭ ސާމާނު އަނެއްކުއްޖާއަށް ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. ޑރ. އަފްޒަލް ވިދާޅުވީ އާންމު ގޮތެއްގައި އެއްކުއްޖަކު އަނެއް ކުއްޖަކު ކުޅެން ގެންގުޅޭ ސާމާނު ޝެއާކުރާ މަންޒަރު ފެންނަ ކަމަށާއި އެކަމަކު އެއީ މި ދުވަސްވަރު އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫންކަމަށެވެ. މިގޮތަށް ކުޅޭ ސާމާނު ޝެއަރ ކުރުމުން އެއްކުއްޖަކަށް ބަލި ޖެހިއްޖެނަމަ އަނެއް ކުއްޖާއަށްވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އަދި ޕާކުތަކަށް ގޮސް ކުޅޭއިރު ވެސް އެހެން ކުދިންނާއެކު ކުޅުން ރަނގަޅު ނޫން ކަމަށާއި އޭގެ ބަދަލުގައި އެކުއްޖެއްގެ އާއިލާއާއެކު އެތަނުގައި ކުޅެވިދާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
"ކުޅޭ އެއްޗެތިވެސް މިދުވަސްވަރު ރަނގަޅީ އެއްކުއްޖަކު ކުޅޭ އެއްޗެތި އަނެއް ކުއްޖަކަށް ޝެއަރ ނުކޮށް ވަކިން ގެންގުޅުނީމަ. އެއީ އެކުއްޖަކު ބަލިވިޔަސް ދެވަނަ ކުއްޖާއަށް އެކަމުގެ އަސަރުނުކުރުން. ނޫނީއްޔާ ޕާކެއްގައި ކުޅޭއިރު އެކުއްޖަކު އަނެއް ކުއްޖެއްގެ ކުޅޭ އެއްޗެތި މިކްސްވުން ވެސް ރަނގަޅެއް ނޫން"ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާއެކު ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަމުންދެއެވެ. އަދި ޕާކްތަކާއި މައިޒާންތަކުންވެސް ގިނަ އަދަދެއްގެ ކުޑަކުދިން ފެންނަމުންދެއެވެ. އެހެންނަމަވެސް މިގޮތަށް ބޭރުގައި އުޅޭ ވަގުތުތަކުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. ޚާއްސަކޮށް އެކުދިން ބޭރަށް ނެރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގަ ނޫން ގަޑިތަކުގަ ބޭރަށް ނުނެރުމަށެވެ. އަދި 2 އަހަރުން ދަށުގެ ކުދިން ފިޔަވައި އެހެން ކުދިން މާސްކް އެޅުވުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. މީގެ އިތުރުން ބޭރަށް ނުކުތްކަމުގައި ވީނަމަވެސް ގިނަ މީހުން އެއްވެ އުޅޭ ތަންތަންނަށް މި ދަނޑިވަޅުގައި ނުދިއުން ބުއްދިވެރިއެވެ.
ރާއްޖެއިން ކޯވިޑް-19 މިހާރު 2137 މީހުންނަށް ޖެހިފައިވާއިރު މީގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ 67 ކުއްޖަކު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 28 އަންހެން ކުދިންނާއި 39 ފިރިހެން ކުދިންނެވެ.