ޚަބަރު

ކޯވިޑް-19ގެ މި ހާލަތުގައިވެސް އުފަންވެނި ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ


ދިވެހިރާއްޖެއަކީ ދުޅަހެޔޮ އާބާދީ އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. އެގޮތުން އަންހެނުން ވިހެއުމުގެ ތެރޭގައި މަރުވާ ނިސްބަތް، ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުކުރުމަށް ވަރަށް ބޮޑެތި ކާމިޔާބު ލިބިފައިވެއެވެ. އެހެންނަމަވެސް މިކާމިޔާބު ދެމެހެއްޓޭނީ ކޯވިޑް-19 ފަދަ މުސީބާތް ތަކާއިއެކުވެސް ދުޅަހެޔޮ އާބާދީ އެއް ބިނާކޮށް އުފަންވެނި ސިއްހަތާ އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެންނެވެ. އ.ދ އިންބުނަމުން ދަނީ ތަރައްޤީގައި ދިމާވެފައި ވާ ނަހަމަކަންކަން އަންހެނުންނާއި އަންހެން ކުދިންނަށް ކޯވިޑް-19 ކާރިސާގައި ބޮޑަށް އަސަރުކުރާނެކަމަށެވެ.

ރާއްޖޭގައިވެސް ސިއްޙީ ހިދުމަތްތެރިންގެ %70 އަކީ އަންހެނުންނެވެ. ރާއްޖޭގައި ކޯވިޑް ބަލީގެ ޝިކާރައަށް ވީ އަންހެނުންގެ އަދަދު މަދުކަމުގައި ވީ ނަމަވެސް، ފުރަބަންދު ކުރުމުގެ ސަބަބުން ދިމާވި އަދި ދިމާވަމުންދާ ގޮންޖެހުންތައް ގިނައެވެ. މިގޮތުން ކުޑަކުދިން ބެލުމާއި ދުވަސްވީ މީޙުން ބެލުމަށް މިދުވަށްވަރު އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. ސްކޫލް ބަންދުވުމުގެ ސަބަބުން ދަރިން ގޭގައި 24 ގަޑިއިރު ބެލެހެއްޓުމަކީވެސް ދަތިކަމަކަށް ވެފައިވެއެވެ.

މިއަދު ރާއްޖޭގައި ސްކޫލްތައް ހުޅުވުނުކަމުގައިވީނަމަވެސް 4 ދަންފަޅިޔަށް ކިޔަވަން ޖެހުމުން ގިނަވަގުތު ކުދިން އުޅޭނީ ގޭގައެވެ. އެހެންކަމުން އަންހެނުން ވަޒީފާ އަށް ދިޔުން ނުވަތަ އާމްދަނީ ހޯދަން ކުރަންޖެހޭ މަސައްކަތް ކުރުމަށް ހުރަސްއެޅެއެވެ.

ޔޫއެން ވިމެން އިން ހެދި ދިރާސާ އަކުން ދައްކާގޮތުގައި ކޯވިޑުގެ މިހާލަތުގައި ގިނަ އަންހެނުން ގޭތެރޭގެ މަސައްކަތުގައި ހޭދަކުރަން ޖެހޭވަގުތު އިތުރުވިއެވެ. އަދި ގެވެށި އަނިޔާތައް ވެސް އަންނަނީ އިތުރުވަމުންނެވެ. މީގެ އިތުރަށް މިފަދަ ކަންކަމަށް ހެދިފައި ހުންނަ އިޖްތިމާއީ ނިޒާމު ތަފާތުވުމުގެ ސަބަބުން މިފަދަ މައްސަލަ ތަކައް ހައްލު ހޯދުމަށް ދަތިވެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިހާލަތުގެ ތެރޭގައި ދަރިއަަކު ހޯދުމަށް ބޭނުންނުވެ މާބަނޑުވާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. ޔޫ.އެން. އެފް ޕީ އޭއިން ލަފާ ކުރާގޮތުންނަމަ ދުވާލަކު ދެމީހުން ބޭނުންނުވެ މާބަނޑުވެއެވެ.

ކުރިން ވެސް ގޮންޖެހުންތައް ކުރިމަތިވެފައިވާ ޢާއްމު ޞިއްޙަތުގެ ނިޒާމު، މި ބަލިމަޑުކަމުގެ ސަބަބުން އިތުރަށް ހީނަރުވެގެން ދިޔުމުން އިޖުތިމާޢީ އަދި އިޤުތިޞާދީ ގިނަގުނަ ގެއްލުންތައް ލިބެމުންދިޔައެވެ. ކޯވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައިވެސް ދިމާވެފައިވާ ގޮތަށް، އަދި ޢާއްމުކޮށް ކާރިސާތަކުގައި ކަން ހިނގާ ގޮތަށް، ދިވެހިރާއްޖޭގައި ވެސް މި ބަލިމަޑުކަމުގެ ސަބަބުން އަންހެނުންނަށާއި އަންހެންކުދީންނަށް އެހެން މީހުންނަށް ވުރެ ބޮޑަށް އަސަރުކޮށްފައިވެއެވެ.

ކޯވިޑް-19 ގެ ކޭސްތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށާއި ފަރާތްތަކަށް ބާރުބޮޑުވެފައިވާ މިދަނޑިވަޅުގައި އަދި އަސާސީ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ހިނދުގައި، އުފަންވެނި ޞިއްޙަތާއި ގުޅޭ ވަސީލަތްތަކާއި ޚިދުމަތްތަކަކީ އިސްކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި އިސްކަން ދޭންޖެހެއެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ބައެއް ތަންތަނުން ކުރިއެކޭ އެއްގޮތަށް އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދެއެވެ. އެހެން ނަމަވެސް ވައިރަސް އަރާފާނެ ކަމުގެ ބިރަށް، ވަރަށް ގިނަ ބަޔަކު އެފަދަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ކިދުމަތް ހޯދަންދާން ވަނީ ޖެހިލުން ވެފައެވެ.

ޢެކަނިވެރި ދެމަފިރިން

ދަރިޔަކު ހޯދަން ބޭނުންވެ އެކަމައް މަސައްކަތް ކުރަމުން އައި އެތައް ބައެއް އެބަތިބި ކޮވިޑް ގެ ސަބަބުން ޑޮކްޓަރައް ނުދެއްކި އެކަމައް އެއްވެސް ފަރުވާއެއް ނުހޯދިފަ. ޢެމީހުނގެ ވާހަކަ ދައްކާނެ މީހަކު ނުވާނެ. ޙުރިހާ ގޮތަކުން ބާކީ ކޮށްފައިވާ ބައެއް. ސަރުކާރުންވެސް އަޅާނުލާ. ކޮވިޑް ގެ ސަބަބުން އަހަރެއް ވޭތުވެގެން ދަނީ. ޢަހަރެއްވެސް މީ އެމީހުނަގެ ދިރިއުޅުމުގަ ވަރައް މުހިންމު އެއްޗެއް.