ކުޅިވަރު

ކުޅުންތެރިން ވިއްކައިގެން 164 މިލިއަން ޕައުންޑް ހޯދަން މެޑްރިޑުން މަސައްކަތް ކުރަނީ


ޓީމުގައި ތިބި ބޭނުންނުވާ ކުޅުންތެރިން ވިއްކައިގެން 164 މިލިއަން ޕައުންޑް ހޯދުމަށް ސްޕޭނުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފިއެވެ.

މިގޮތުން މިހާރު ވެސް އެކުލަބުން ވަނީ އަޝްރަފް ހަކީމީ އިންޓަމިލާނަށް އަދި ހާވިއާ ސަންޗޭޒް ރެއާލް ވަޔަޑިލޮޑް އަށް ވިއްކާލައިގެން 43.5 މިލިއަން ޕައުންޑް ހޯދައިފައެވެ.

އެ ޓީމުން މިހާރު ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަ އެންމެ މުހިންމު ދެ ކުޅުންތެރިންނަކީ ގެރެތް ބޭލް އާއި ލޯނު އުސޫލުން ބަޔާން މިއުނިކަށް ކުޅުމަށްފަހު އަލުން މި ސީޒަނުގައި ޓީމާ ގުޅުނު ހަމޭސް ރޮޑްރިގޭޒްއެވެ. ބޭލްއަށް ޓީމުގެ ބެންޗުން ފުރުސަތު ލިބުނު ނަމަވެސް ހަމެސް ރޮޑްރިގޭޒްއަށް ފުރުސަތު ލިބުނީ އެންމެ 14 މެޗުގައި ކުޅުމަށެވެ.

އޭނާ ގަތުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ބެލެވޭއިރު އޭނާގެ އޭޖެންޓް ބާރު އަޅަނީ ޕޯޗުގަލްގެ ބެންފީކާ އަށް ދިއުމަށެވެ. ބޭލް އަށް ޓީމުން ފުރުސަތު މަދުން ނަމަވެސް ލިބޭއިރު އޭނާގެ ފަރުވާލެއްނެތް ދިރިއުޅުމާއެކު ކޯޗާއެކު ރަނގަޅު ގުޅުމެއް ނެތުމުން ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތް ނަމަވެސް ރެއާލް މަސައްކަތް ކުރަނީ މަދުވެގެން 60 މިލިއަނަށް އޭނާ ވިއްކާލުމަށެވެ.

އާސެނަލްއަށް ލޯނު އުސޫލުން ކުޅެމުން އަންނަ ސެބާޔޯސް 35 މިލިއަނަށް ވިއްކާލަން ނިންމާފައިވާއިރު ސާބިއާގެ ފޯވަޑް ލޫކާ ޖޮވިކް އަކީ ވެސް ވިއްކާލަން ލިސްޓުކޮށްފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން ޖެސޫސް ވަޔޭޖޯ އާއި މަރިއާނޯ އާއި ބްރެހިމާރޭ އާއި ސާޖިއޯ ރެގިއުލޮން އަންދްރޭ ލުނިން އަދި މާޓިން އޮޑެގާޑަކީ ވެސް ވިއްކާލާނެ ކުޅުންތެރިންނެވެ.