ޓުއަރިޒަމް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %4.3 އިތުރުވެއްޖެ


މިއަހަރުގެ
ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ
ޖުލައިމަހާ އަޅާބަލާއި އިރު އިތުރުވެފައިވީ ނަމަވެސް ރާއްޖެއަށް އެންމެ ގިނައިން
ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމްކަމަށްވާ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި
ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފިއެވެ.



ޓޫރިޒަމް
މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތް
ކުރި ފަތުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ވަނީ %4.3 އިތުރުވެފައެވެ. އަދި ޖުލައިމަހު
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފަތުރުވެރިންގެ އަދަދުވަނީ މިދިޔަ
އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު %4.0 ދަށަށް ގޮސްފައިއެވެ.



ޗައިނާ އިން ޖުލައިމަހު
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިމިވަނީ އެޤައުމުގެ ހިއްސާގެ
ބާޒާރަށް އައި ލޮޅުންތަކާއި ގުޅިގެން، އެޤައުމުގެ އިޤްތިސާދަށް އޭގެ ނޭދެވޭ
އަސަރުކޮށްފައިވަނިކޮށެވެ. 



ޖުލައިމަހު
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް
އަދިވެސް އެއްޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން
ޒިޔާރަތްކޮށްފައިވާ ޤައުމަކީ ޗައިނާއެވެ.



ޓޫރިޒަމް
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ
މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވަނީ
ވަރަށް ކުޑަކޮށް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 713،622 ފަތުރުވެރިން
ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %1.7 އިތުރު އަދަދެކެވެ.



ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ
އަދަދު އިތުރުވެފައިމިވަނީ ޔޫރަޕްގެ ޤައުމްތަކުންނާއި މެދު އިރުމަތީގެ
ޤައުމްތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި
ގުޅިގެންނެވެ. އެގޮތުން އިނގިރޭސިވިލާތް، ސްޕެއިން، ހޮލޭންޑް ޑެންމާކް، ސައުދީ
އަރަބިޔާ އަދި ޔޫއޭއީ ފަދަ ޤައުމްތަކުން ރާއްޖެއަށް މިިދިޔަ މަހު ޒިޔާރަތްކުރި
ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.