ށ. ފުނަދޫ މަސްމާރުކޭޓުގެ ބިންގާ މިނިސްޓަރ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައި ދެއްވައިފިއެވެ.ހައުސިންގ މިނިސްޓަރ ފުނަދޫ މަސްމާރުކޭޓުގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ މިއަދު ފުނަދުއަށް ވަޑައިގެން އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މަސްމާރުކެޓުގެ ބިންގާއަޅުއްވާ ދެއްވުމަށްފަހު މިނިސްޓަރ ދެއްކެވި ވާހަކަ ފުޅުގައި ފުނަދޫ ފަދަ މަސްވެރިރަށެއްގައި މަސްމާރުކޭޓެއް ހުރުމުގެ މުހިންމުކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މިކަމުގެ ސަބަބުން ސިއްހީގޮތުންނާއި އިޖުތިމާއިގޮތުން ގިނަ ފައިދާތަކެއް ލިބިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއްފަހަރާ ތިން އޮޑިއެއްގެ މަސް ބެހެއްޓޭގޮތަށް ފަރުމާކޮށް ފައިވާ މިމަސްމާރުކޭޓުގައި މަސްކެނޑުމާއި މަސްވިއްކަންބޭނުންވާފަރާތްތަކަށް އެކަމުގެ އިންތިޒާމުވެސް ހަމޖެއްސޭނެކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެއެވެ. މިރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު އަލީސަލިމް ދެއްކެވި ވާހަކަފުޅުގައި މަސްވެރިންނަށް ލިބިގެން މިދިޔަ ލުއިފަސޭހައިގެ އިތުރުން އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ބަނދަރު ބޭނުން ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ކައިރިމުސްތަގުބަލެއްގައި ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ފުނަދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިމަސްމާރުކޭޓަކީ އެރަށު ކައުންސިލުން ޚަރަދުކޮށްގެން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ. މި މަސްމާރުކޭޓުގައި އެއްފަހަރާ ތިން ދޯނީގެ މަސް ބެހެއްޓޭނެ ޖާގަ އޮންނާނެ ކަމަށް ފުނަދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. މަސްމާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިމި، ބޭނުންކުރެވޭނެ ކަމަށްވެސް ފުނަދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.