ޚަބަރު

އިމާރާތް ކުރުމާއި ގުޅޭ ގަވާއިދުތައް މިހާރަށްވުރެ ހަރުދަނާ ކުރަނީ


އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ  ރައްކާތެރިކަން ކަށަވަރުކުރުމަށް ޤަވާއިދުތައް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ހައުސިން މިނސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުއިއްޒު  ވިދާޅުވީ، ގޭގޭގައި މީހުން ދިރިއުޅުމުގެ ހުއްދަ ދިނުމަށްފަހުވެސް އެގޮތަށް ހުންނަ ގެތައް މޮނިޓަރ ކުރުމާއި، އިތުރު މަސައްކަތް ކުރާނަމަ އެ މާހައުލު މޮނިޓަރ ކުރެވޭނެ ގޮތަކަށް ގަވައިދުތަކަށް ބަދަލު ގެނެސް އަމަލު ކުރުމަށް ނިންމަވައިފިކަމަށެވެ. އަދި މިފަދަ ކަންކަމަކީ ގޭގެ ވެރިފަރާތުން ރަނގަޅަށް ބަލަންޖެހޭ ކަމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.  އިއްޔެ ހ.ފެންނާގޭ ހަވަނަ ބުރީގެ ލިފްޓް ގޮޅިން ތުއްތު ކުއްޖަކާއި އެކުއްޖާގެ މާމަ ވެއްޓި ހިނގި ހާދިސާއާއި ގުޅިގެން، ހައުސިންގ މިނިސްޓްރީން އެގޭގެ މައްސަލަ ބެލުމަށްފަހު އެކަމާ ގުޅޭ ގޮތުން ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު  ވިދާޅުވީ، ފެންނާގޭގައި މީހުން ދިރިއުޅެން ހުއްދަ ދިނީ މީގެ އަހަރުތަކެއް ކުރިންކަމަށާއި، އޭރު އެ ގޭގެ ލިފްޓްގޮޅި ހުރީ ރައްކާތެރި ގޮތަކަށް ކަމަށެވެ. ނަމަވެސް މިހާރު އެގޭގެ މަސައްކަތްތަކެއް ކުރަމުންދާތީ ބައްދާފައި ހުރި ލިފްޓް ގޮޅި ހާމަޔަށް ހުރިކަން އެމިނިސްޓްރީގެ ޓީމުން ބެލި ބެލުމުން ފާހަގަކުރެވިފައިވާކަމަށާއި، އެކަމަކީ ގޭގެ ވެރިފަރާތުން ޒިންމާދާރު ކަމާއެކު ބަލަންޖެހޭނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.