ޚަބަރު

ކޯވިޑް ކޭސްއެއް ފެނި ޑީއެންއާރުގެ ޚިދުމަތް މެދުކަނޑާލައިފި


ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފަކު ޕޮޒިޓިވްވެ ޚިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޑީއެންއާރުގެ ޑިރެކްޓަރ ފަރީދާ ޔޫސުފް ވިދާޅުވީ އެ ޑިޕާޓްމަންޓްގެ މުވައްޒަފަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދު މެންދުރު 12:30 ހާއިރުކަމަށެވެ. އަދި މުވައްޒަފަކު ޕޮޒިޓިވް ވުމާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑީއެންއާރުގެ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލި އިރު މިއަދު އެ ތަނުން ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ މީހުން އެތަނަށް ގޮސްތިބިކަން ފާހަގަކޮށްލެވެއެވެ. އަދި ޚިދުމަތް ހޯދަން މިއަދު ގޮސްތިބި އެންމެންނަށް ޚިދުމަތް ދިނުމަށްފަހު ޑީއެންއާރްގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށާއި، ޚިދުމަތް އަލުން ފަށާނީ އެޗްޕީއޭގެ ލަފަޔާއެކު ކަމަށް ފަރީދާ ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިދިޔަ އޯގަސްޓް މަހު ތެރޭގައިވަނީ އައިޑީކާޑު ހެއްދުމާއި އައުކޮށްދިނުމުގެ ޚިދުމަތަށް އޮންލައިންކޮށް ހުށައެޅޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.
މިގޮތުން އައި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން ހުށަހެޅެއެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އައިޑީކާޑް ޔުނިޓަށް މިހާރު ހަމައެކަނި ދާންޖެހެނީ ކާޑު ހެދުމުން ކާޑު ބަލައެވެ. ކާޑް ބަލައި ދާންޖެހޭނީ ކާޑުގެ ވެރިފަރާތެވެ. ވެރިފަރާތަށް ނުދެވޭނަމަ ފޯމު ހުށަހަޅާއިރު، ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ސަބަބު ބަޔާންކޮށް، ވެރިފަރާތުގެ ސިޓީއެއް ފޮނުވަންޖެހޭނެ ކަމަށް ޑީއެންއާރުން ވަނީ ވިދާޅުވެފައެވެ.