ޚަބަރު

މާދަމާއިން ފެށިގެން ހުރިހާ ހޮސްޕިޓަލެއްގައި ކޯވިޑް ވެކްސިން ޖަހާނެ


މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ފަށާނެކަމަށް ހެެލްތް އެމަޖެންސީ އޮޕރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށި ފުރަތަމަދުވަހު ވަނީ 282 މީހުންނަށް ވެކްސިން ދީފައެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަހްމަދު ފައިސަލް ވިދާޅުވީ މަދާމާ ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާނެކަމަށެވެ. މީގެއިތުރުން މާލޭ ސަރަހައްދުގައި އުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް ޑރ ފައިސަލް ވިދާޅުވިއެވެ.

ޑރ ފައިސަލް ވިދާޅުވީ މީ ޕެންޑަމިކްގެ ދަނޑިވަޅުކަމުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ނަންނޯޓްކުރުމަށް ހުޅުވާލި ޕޯޓްގައި ނަންނޯޓު ކުރެއްވި ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

" ޕޯޓަލުން އަޅުގަނޑުމެން އަންގަމުން ދާނެ އަންނަންވީ ތަނާއި އަންނަވީ ގަޑިވެސް. އެހެންވީމާ މީގައި ރަޖިސްޓްރީ ކުރުމުގެ ބައި އަޅުގަނޑަށް ހީވަނީ ވަރަށް މުހިއްމުހެން. ރޖިސްޓްރީކުރަން މި ޖެހޭނީ އެ ބޭފުޅުންގެ މައުލޫމާތު އަޅުގަނޑުމެނަށް އެގެންޖެހޭތީ. މި ވެކްސިނަކީ އަޅުގަދުމެން ކއި ހަދައިގެން ޖެހޭނެ ވެކްސިނެއް ނޫން. މި ވަކި ގަޑިއަކަށް މީހުންގެ ގެނެސް މީހުން ގިނަނުކޮށް ޖަހަންޖެހޭ ވެކްސިނެއް. އެހެންކަމުން އެ މައުލޫމާތު ލިބުން ވަރަށް މުހިއްމު. އޭގެއިތުރުން ވެކްސިން ޖަހާ މީހާގެ ހާލަތަށް ބަލާފައި ވެކްސިން މި ޖަހަނީ. އެހެންކަމުން ސިއްހީ މައުލޫމާތާއި ރަޖިސްޓްރީކުރުން ވަރަށް މުހިއްމު." ޑރ ފައިސަލް ވިދާޅުވިއެވެ.

ޑރ ފައިސަލް ވަނީ ވެކްސިން ޖަހަން އަންނަ ގުޅުމުން އެކަމަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން ވެކްސިން ޖަހާނީ އެއްވެސް އަލާމަތެއް ނެތް މީހުންނަށްކަމަށާއި މި ބަލީގައި ކަރަންޓީނުގައި ހުރި މީހެއް ނަމަ އެމީހަކަށް ވެކްސި ން ދޭނީ ފަހުންކަން ޑރ ފައިސަލް ފާހަގަކުރެއްވިއެވެ.

" ވެކްސިން ޖަހަން އަންނައިރު ކާކުކަން އެނގޭ ލިޔުމެއް އައިޑީކާޑް ނުވަތަ ޕާސްޕޯޓް ކަހަލަ ލިޔުމެއް މުހިއްމު ވާނެ. އެއީ ވެކްސިން ޖެހުމަށްފަހު އަޅުގަޑުމެން ވަރަށް ބޮޑަށް ބަލަމުންދާނެ އޭގެއިން ދިމާވެދާނެކަމަށް ބެލެވޭ އަސަރަކަށް. އެހެންކަމުން ސިއްހީ ލިޔެކިޔުންތަކާއި މައުލޫމާތުތައް ވަރަށް މުހިއްމުވާނެ. އަދި ލައިގެން އަންނަ ހެދުމަކީވެސް އަތްދޫ ހެދުމަކަށް ހައްދަވާތި. އެހީތެރިއަކު ގެންނަން ޖެހޭނަމަ އެކަކަށްވުރެ ގިނަ މީހުން ނުގެނެއުން އެދެން. " ޑރ ފައިސަލް ވިދާޅުވިއެވެ.

ދިފާއި ނިޒާމު ފުރިހަމަ ވާނީ ދެ ޑޯޒަށް ފަހުންކަމަށާއި އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެކަމަށެވެ. ވެކެސިންގެ ދެވަނަ ޑޯޒްދޭނީ ފުރަތަމަ ވެކެސިނަށްފަހު ހަތަރު ހަފްތާ ފަހުންކަމަށެވެ. އެހެންނަމަވެސް ދެ ވަނަ ޑޯޒް ޖެހުން ލަސްކުރި ނަމަވެސް އެންމެ ލަސްކުރެވޭނީ 12 ހަފްތާ ވަންދެންކަމަށްވެސް ޑރ ފައިސަލް ވިދާޅުވިއެވެ. އަދި ދެވަނ ޑޯޒް ޖެހުން ލަސްކުރަންޖެހޭނަމަ ވެކްސިންޖެހި މަރުކަޒަކަށް އެކަން އެންގުމަށްވެސް ޑރ ފައިސަލް އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ޕްރޮގްރާމް އިއްޔެ ފެށުމުގެ ގޮތުން ޕްރަންޓްލައިން ގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އޮފިޝަލުންނާއި ކެއަރ ވޯކަރުން މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެއިތުރުން ދައުލަތުގެ ތިންބާރުގެ ވެރިންނާއި ބައެއް ވަޒީރުންވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.