ޚަބަރު

ކޯވިޑް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިނީ ރާއްޖެއަށް - ޖައިޝަންކަރު


ކޯވިޑް-19އާ ގުޅިގެން އިންޑިއާއިން އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޤައުމަކީ ދިވެހިރާއްޖެކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ސޮއިކުރި އެއްބަސްވުންތަކަށްފަހު ދެއްވި ސްޓޭޓްމަންޓްގައި ޑރ. އެސް ޖައިޝަންކަރު ވިދާޅުވީ، ރާއްޖެއާ އިންޑިއާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތަކީ އަވައްޓެރި ދެ ޤައުމެއްގެ ދެމެދުގައި އޮންނަވީ ގުޅުމުގެ ހަޤީގީ ނަމޫނާއެއްކަމަށެވެ.

ދެ ޤައުމުގެ ޒަމާންވީ ގުޅުން މިދިޔަ ދެއަހަރެއްހާ ދުވަހުގެތެރޭގައި ކުރިން ނުވާ ވަރަށް ބަދަހިވެފައިވާއިރު އިންޑިއާއިން ގެންގުޅޭ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއާމެދު އިންޑިއާއިން ޚާއްސަ ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރެވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ ކޯވިޑް ސަޕޯޓްގެ ގޮތުގައި ބޭހާއި، ކާނާއާ ސިއްޙީ ތަޖުރިބާކާރުންގެ ޓީމުތަކުގެ އިތުރުން މާލީ އެހީތެރިކަން އެންމެ އަވަހަށް އަދި އެންމެ ފުރަތަމަ ރާއްޖެއަށްފޮނުވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުންކަމަށެވެ.

އެގޮތުން އިންޑިއާއިން އުފެއްދި ކޯވިޑްވެކްސިން ފުރަތަމަ ފޮނުވި ޤައުމަކަށް ރާއްޖެވުމަކީ އެކަމުގެ އަލިގަދަ ހެއްކެއްކަމަށާއި، އެ އެހީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ރަނގަޅަށް ވެކްސިންދޭ ޤައުމެއްގެ ގޮތުގައި ވެފައިވާތީ އެކަމަށް އެމަނިކުފާނުވަނީ މަރުހަބާ ދަންނަވާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވި ސްޓޭޓްމަންޓްގައި ރާއްޖެއާއި އިންޑިއާ އިންޑިއާގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުވެ ކާމިޔުާބުވަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދާދިފަހުން ރާއްޖެއާ އިންޑިއާ ދެމެދު ޤާއިމްކުރި އެއަރ ބަބުލްގެ ސަބަބުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަކަށް އިންޑިއާ ވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ކޯވިޑް-19ގެ މި ދަތި ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑްޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް އިންޑިއާއިން ހަދިޔާކުރުމުން އެކަންވެސް މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.