ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކުގެ އަގަށް ބަދަލު އަންނަނީ "ނީޑް އެސެސްމެންޓް" ހެދިފައި ނުހުންނާތީ - އޭސީސީ


ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބައެއް މަޝްރޫޢުތަށް ފަށާފަހުންވެސް އަގަށް ބޮޑެތި ބަދަލުތައް ގެންނަންޖެހެނީ މަޝްރޫޢު ފެށުމުގެ ކުރިން ހަދަންޖެހޭ "ނީޑް އެސެސްމެންޓް" ހެދިފައި ނުހުންނާތީކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ޢުމްރާނީ ތަރައްޤީގެ ނުވަތަ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ކަނޑައަޅައި ހިންގުމުގައި ކޮރަޕްޝަނަށް ހުށަހެޅިފައިވާ މިންވަރުގެ ރިސްކް އެސެސްމެންޓެއް ހެދުމަށްފަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢާންމުކުރި އެސެސްމެންޓްގެ ރިޕޯޓުގައެވެ.

މިއީ 2017އިން 2019އަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާއި، ބިން ހިއްކުމާއި މަގުހެދުމާ ގުޅޭ ގޮތުން މިނިސްޓްރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން 1 މިލިއަން ރުފިޔާއަށް ވުރެ މަތިން ބަޖެޓް ކޮށްފައިވާ 5 މަޝްރޫޢަކަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައެޅުމުގައްޔާއި، ބިޑިންގ ޕްރޮސެސްގެ އިތުރުން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަނެ، އެފަދަ ހިރާސްތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ލަފާދިނުމުގެ މަޤުޞަދުގައި އޭސީސީން އެކުލަވާލި މިރިޕޯޓުގައި މަޝްރޫޢުތައް ކުރިޔަށް ނުދިއުމާއި، ހުއްޓުމާއި، ފެންވަރުދަށްވުމާއި، މަސައްކަތް ޙަވާލުކުރެވޭ ގޮތާ ހުންނަ ގުޅުން ދެނެގަނެ، މަޝްރޫޢުތައް ޕްލޭންކުރުމާއި، މަޝްރޫޢު އަމާޒުކުރެވޭ ފަރާތްތައް ކަނޑައެޅުމާއި ބަޖެޓު އެލޮކޭޓްކުރުމާއި، އަދި ހިނގާ އިތުރު ކަންކަމުގައި ކޮރަޕްޝަން ރިސްކަށް މަގުފަހިވާކަން ދެނެގަތުމާއެކު، އެކަންކަން ހައްލުކުރުމަށް ވަނީ ލަފާދީފައެވެ.

އޭސީސީން ވިދާޅުވީ މި ދިރާސާއިން މަޝްރޫޢުގެ މަސައްކަތް ފެށުމަށްފަހު މަޝްރޫޢުގެ ސްކޯޕަށް އުނި އިތުރު ގެންނަން ޖެހުމުގެ ސަބަބުން، މަޝްރޫޢުގެ އަގަށް ބޮޑެތި ބަދަލުތައް ގެންނަންޖެހިފައިވާކަން ހާމަވެފައިވާކަމަށެވެ. އެހެން ދިމާވަނީ މަޝްރޫޢު ފެށުމުގެ ކުރިން މަޝްރޫޢުއާ ގުޅޭ ނީޑް އެސެސްމެންޓެއް ނުވަތަ ޕޮލިސީ ނީޑެއް ނުހެދޭތީ ކަމަށްވެސް އޭސީސީގެ މި ރިޕޯޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ޕޮލިސީ ނީޑެއް ނެތި ހަމަ އެކަނި އިންތިޚާބީ ވަޢުދު ތަކުގެ މައްޗަށް ބަރޯސާވެގެން ފެށޭ މަޝްރޫޢުތަކަކީ، އައު ވެރިކަމަކާއެކު،
ބަދަލުތަކެއް އައިސް ނުވަތަ އެއްކޮށް މަޑުޖެހިދާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ މަޝްރޫޢުތަކެއްކަމަށާއި، ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަގޮތަށް، މިނިސްޓްރީތަކުން މަޝްރޫޢު ހުށަހެޅުމުގައި ފާހަގަ ކުރެވޭ މައްސަލައަކީ، މިބީދައިން ހުށަހަޅާ މަޝްރޫޢުތައް ހުށަހެޅުމުގައި އެއްވެސް މިންގަޑެއް ނުވަތަ އުސޫލެއް ޤާއިމުކުރެވިފައިނެތުންކަމަށްވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތައް ހިންގުމުގައި ކުރިމަގުގައި ހައްލުކުރަންޖެހޭކަމަށް
ޤަބޫލުކުރާ ކަންކަން ބަޔާންކޮށް ކަމާބެހޭ އިދާރާތަކަށްވަނީ ލަފާ ދީފައެވެ. އެގޮތުން، މަޝްރޫޢުތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް
އޮތް ރިސްކު ކުޑަކުރުމަށްޓަކައި ޢަމަލުކުރެވިދާނެ ގައިޑްލައިނެއް އެކުލަވާލުމަށް ލަފާ ދީފައިވާނެކަމަށްވެސް އޭސީސީން ވޮދާޅުވިއެވެ/

ސަރުކާރުގެ ކަމާގުޅުހުންހުރި މިނިސްޓްރީތަކާއި އިދާރާތކުން މައުލޫމާތު ހޯދައިގެން އެކުލަވާލި މި ރިޕޯޓުގައިވާ ގައިޑްލައިން އެކުލަވާލުމަށް މައިގަނޑު 7 ލަފައެއް ހުށަހަޅާފައިވާއިރު، މަޝްރޫޢުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރު
ސަމާލުކަން ދޭންޖެހޭ 8 ކަމެއްވެސް ވަނީ ހުށަހަޅާފައެވެ.