ޚަބަރު

އޯއިސީއާ ގުޅުނުފަހުން ރާއްޖެއިންދަނީ އިސްލާމްދީން ޙިމާޔަތްކޮށް، މުސްލިމުންގެ ހައްގުގައި ވަކާލާތުކުރަމުން - ޝާހިދު


ރާއްޖެއިން އޯއިސީއާ ގުޅުނުފަހުން އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި، މުސްލިމުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ގައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ވަރޗުއަލްކޮށް ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު، ވަނީ ރާއްޖެއިން 1976ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމްއާއި އަދި މުސްލިމުންގެ ހައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

1969ގައި އޯ.އައި.ސީ. އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަކަންވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.