ދުނިޔެ

ވެކްސިން ޖަހާ 14 ދުވަސްވުމުން ލަންކާއަށް އެތެރެވެވޭނެ، ކަރަންޓީނުވާކަށް ނުޖެހޭނެ


ސްރީލަންކާއަށް ޒިޔާރަތްކުރާ ފަރާތްތައް ކަރަންޓީނުވުމަށް އާ އުޞޫލެއް އެގައުމުގެ ހެލްތް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ލަންކާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ އާ އުޞޫލުގައި ވެކްސިން ޖަހައިގެން ދަތުރުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތްތައްވެސް ވަނީ ހިމަނާފައިއެވެ. އަދި ޓޫރިސްޓުންގެ ގޮތުގައި ސްރީލަންކާއަށް ޒިޔާރަތް ކުރެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ.

އައު އުޞޫލުގައި ވާގޮތުން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުން ލަންކާއަށް އެތެރެވެ ކަރަންޓީނު ވާކަށް ނުޖެހެއެވެ. ވެކްސިން ފުރިހަމަ ކުރިކަން އަންގައިދޭ ވެކްސިން ކާޑެއް އިނގިރޭސި ބަހުން އޮތްނަމަ ލަންކާއަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރު. ޓެސްޓެއް ފުރިހަމަކޮށް ނަތީޖާ ހުށަހަޅަން ޖެހެއެވެ. ނަތީޖާ ލިބެންދެން ކަރަންޓީން ފެސިލިޓީއެއް ނުވަތަ ކަރަންޓީން ހޮޓަލެއްގައި މަޑުކުރަން ޖެހެއެވެ. އަދި ނަތީޖާ ނެގެޓިވް ނަމަ ވަގުތުން އެ ފެސިލިޓީން ދޫކޮށްލާނެއެވެ.

ފެސިލީޓީން ދޫކޮށްލުމުން އެ މަޢުލޫމާތާއި ޑިސްޖާޖް ޑޮކިއުމެންޓް އެމީހަކު ދިރިއުޅޭ ސަރަޙައްދުގެ ސިއްޚީ ފަރާތްތަކަށް ފޯނުން ނުވަތަ އީމެއިލުން ޚިއްސާ ކުރަންޖެހެއެވެ. އަދި 7 ދުވަސްވުމުން ޕީ.ސީ.އާރު. ޓެސްޓެއް ހަދަންޖެހެއެވެ. އަދި މިޓެސްޓް ހަދަންޖެހޭނީ ލަންކާ ސަރުކާރުން ހުއްދަ ދީފައިވާ ތަނަކުންނެވެ.

ވެކްސިން ފުރިހަމަނުކޮށް ޒިޔާރަތްކުރާ ފަރާތްތައް ހޮޓަލެއްގައިނަމަ 7 ދުވަހުގެ މުއްދަތަށް، ފެސިލިޓީއެއްގައި ނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭނެއެވެ. އަދި މުއްދަތު ހަމަވުމުން ޕީ.ސީ.އާރު. ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކޮށްލާނެއެވެ. މިގޮތަށް ދޫކޮށްލާ މީހުންވެސް އެމީހުންގެ މައުލޫމާތު އެމީހަކު ދިރިއުޅޭ ސަރަހައްދެއްގެ ސިއްޚީ ފަރާތްތަކަށް ޚިއްޞާ ކުރަންޖެހެއެވެ. އަދީ އެމީހަކު ދިރިއުޅޭ ގެއެއްގައި 14 ދުވަހުގެ ކަރަންޓީނުގެ ބަކީބައި ފުރިހަމަކުރަން ޖެހޭނެއެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން އާންމުކުރި އައު އުޞޫލުގެ ދަށުން ލަންކާ ޓުއަރިޒަމުން ޚާއްޞަ ހުއްދައެއް ނަގައިގެން ޓޫރިސްޓް ވިސާގައިވެސް ލަންކާއަށް ޒިޔާރަތް ކުރެވިދާނެއެވެ. މިގޮތުން ވެކްސިން ފުރިހަމަ ކުރިތާ 14 ދުވަސް ފުރިހަމަ ކޮށްފައިވާ މީހުން ހުއްދަދީފައިވާ ކަރަންޓީން ހޮޓަލެއްގައި ކަރަންޓީން ކުރާނެއެވެ. އަދި ލަންކާއަށް އެތެރެވިތާ 24 ގަޑިއިރު ފަހުން ހަދާ ޓެސްޓުން ނެގެޓިވްނަމަ އެ ދުވަހުން ފެށިގެން 7 ދުވަސް ވަންދެން އެ ހޮޓަލުގައި މަޑުކުރުމުގެ އިތުރުން "ބަޔޯ ސެކިޔުރިޓީ ބަބުލް" އެއްގައި ޓޫރިސްޓުން އާއްމުކޮށް ޒިޔާރާތްކުރާ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމުގެ ހުއްދަ އޮންނާނެއެވެ. އެ މުއްދަތު ހަމަވުމުން އިތުރު ޓެސްތެއް ހަދާ ނެގްޓިވް ނަމަ ކަރަންޓީން ހޮޓަލުން ދޫކޮށްލާނެއެވެ. އަދި އެއަށްފަހު ޗުއްޓީގެ ބާކީ މުއްދަތު ލަންކާގައި ބޭނުން ގޮތަކަށް ހޭދަ ކުރެވޭނެއެވެ.

ވެކްސިން ފުރިހަމަ ނުކުރި ނަމަވެސް ޓޫރިސްޓް ވިސާގައި ލަންކާއަށް ޒިޔާރަތް ކުރެވޭނެކަމަށްވެސް އެޤައުމުގެ ހެލްތް މިނިސްޓްރީގެ އައު އުސޫލްގައިވެއެވެ. 24 ގަޑިއިރުގެ ތެރޭގައި ހަދާ ޓެސްޓް ނެގެޓިވްނަމަ "ބަޔޯ ސެކިޔުރިޓީ ބަބުލް" އެއްގައި ޓޫރިސްޓުން ޒިޔާރަތްކުރާ ބައެއް ތަންތަނަށް ޒިޔާރަތް ކުރެވޭނެއެވެ. އެހެންނަމަވެސް ކަރަންޓީން ހޮޓަލުގައި މަޑުކުރަންޖެހޭ މުއްދަތު 14 ދުވަހަށް ދިގުވާނެއެވެ. އަދި ސްރީލަންކާގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނީ 14 ދުވަހަށް ފަހުއެވެ.

ކަރަންޓީނުން ދޫކޮށްލުމުން އެމީހެއްގެ ޓްރާންސްޕޯޓް ހަމަޖައްސަން ޖެހޭނީ އަމިއްލައަށެވެ. އަދި ކޯވިޑްގެ އެއްވެސް އަލާމާތްތައް ފެނިއްޖެނަމަ އެކަން ސިއްޚީ ފަރާތްތަކަށް އަންގަން ޖެހެއެވެ. އަދި ޕީ.ސީ.އާރު. ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ، ކޯވިޑަށް ޕޮޒިޓިވްވާ މީހުންނަށް އޮންނަ އުޞޫލާ އެއްގޮތަށް ފަރުވާގެ އިންތިޒާމު ހަމަޖެހޭނެއެވެ.

ލަންކާއަކީ ދިވެހިންގެ އާބާދީ ބޮޑު ޤައުމެކެވެ. ކޯވިޑްގެ ސަބަބުން ރާއްޖެއަށް ބަދަލުވި ބައެއް މީހުންނަށް ލަންކާއަށް ދަތުރު ނުކުރެވި ރާއްޖޭގައި މަޑުކުރަންވަނީ ޖެހިފައެވެ.