ޚަބަރު

މިއަހަރު ފަހުކޮޅު އައްޑޫ ޕޮލިސްއެކަޑަމީގައި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ތަމްރީނުތައް ފަށާނެ - ހޯމް މިނިސްޓަރ


އައްޑޫ ސިޓީގައި ޤާއިމްކުރާ "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯވ އެންފޯސްމެންޓް"ގައި ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށައިގަނެވޭނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މިނިސްޓަރ އިމްރާން ވިދާޅުވީ ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާއެކު އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާކަމަށެވެ.

އެންމެ އިސްކަންދީގެން ކުރަންޖެހިފައިވަނީ ފުލުހުންގެ ވަޒީފާއަށް މީހުން ނެގުމުގެ މަސައްކަތްކަމަށާ، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުރިހަމައަށް ދިނުމައްޓަކައި އަތޮޅުތަކުގައި މިހާރު ފުލުހުން ޙަރަކާތްތެރިވާ މިންވަރުގެ، މަދުވެގެން ތިންބައިކުޅަ އެއްބަޔާ އެއްވަރަށް ފުލުހުން ވަޒީފާއަށް ނަގަންޖެހޭކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމިންވަރަށް ފުލުހުން ވަޒީފާއަށް ނެގުމަކީ ދައުލަތައް ބުރަ ކަމަކަށް ވީނަމަވެސް އެއީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ފުލުހުން ތަމްރީނު ކުރުމައްޓަކައި ދ.ވާނީ ޓެރެއިނިންގ ސެންޓަރުގެ އިތުރުން އައްޑޫގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯވ އެންފޯސްމެންޓް"ނިންމައި އެތަނުގައި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ތައްޔާރީތައް ވަމުންދާކަމަށެވެ. އެސެންޓަރުގައި ލޯވ އެންފޯސްމަޓް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"ފުލުހުން ތަމްރީނު ކުރުމައްޓަކައި އައްޑޫގައި މި ޤާއިމްކުރެވޭ ފުލުހުނަށް ޚާއްސަކޮށް ލޯއެންފޯސްމަންޓާއި ގުޅުންހުރި ތަމްރީނުތަކަށް އަޅުގަނޑުމެން ވިސްނަމުން ދާއިރު، އަޅުގަނޑުމެން ޤަބޫލުކުރަނީ މިއަހަރުގެ ފަހުކޮޅުގައި އެތަނުގައި ތަމްރީނު ދިނުން ރަނގަޅަށް ފަށައިގަނެވިގެން ދާނެކަމަށް" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކުރެވިގެންދާއިރު، މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅުކޮށް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށާ، އެކަމަށް ފުލުހުންނަށް އެންމެ ފުރިހަމަ ތަމްރީނުތައް ދެވިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއިން ބޭރުންވެސް ފުލުހުންނަށް ރަނގަޅު ތަމްރީނުތައް ދޭނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.