ރިޕޯޓް

މާލޭގެ ގިނަ އިމާރާތްތައް ހުރީ ރައްކާތެރިކަމެއް ނެތް ގޮތަކަށް!


މާލޭގެ ގިނަ  އިމާރާތްތައް ހުރީ، އާންމުންގެ ސަލާމަތަށް ރައްކާތެރިކަމެއްނެތި ގަވާއިދާ ޚިލާފަށް ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ހައުސިން މިނިސްޓްރީން ވަނީ މާލޭގެ އިމާރާތްތަކުގައި ހުރި ގަވާއިދާ ޚިލާފު ބައެއް ކަންތައްތައް ބަޔާންކޮށް، އެކަމުގައި ޒިންމާވާ ފަރާތްތައް ޖޫރިމަނާ ކުރާނޭކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. މާލެއަކީ އަބަދުވެސް އިމަރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރައްވަމުން، މިހާރަކަށް އައިސް ޢިމާރާތްކުރުމުގެ މާޙައުލުގައި ފަރުވާކުޑަކުރެވެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމާއި، ޢިމާރާތްކުރުމުގެ މަސައްކަތުގެ ތެރޭގައި ޢާއްމުނަށް ނުރައްކާވާ ގޮތަށް ކަންކަން ހުރުމާއި، މީހުން ދިރިއުޅެމުންދާ ޢިމާރާތަކަށް އިތުރު ބަދަލެއް ގެނެއުންފަދަ ގަވާއިދާއި ޚިލާފު ކަންކަން ހިމެނޭކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ގިނަ ޢިމާރާތްތަކުގައި ސަލާމަތީ ކަންތައްތަކަށް ބެލުމެއްނެތި ބެލްކަނި އަދި ފާރުމަތީގައި ގަސްމުށި ފަދަ ތަކެތި ބެހެއްޓުމާއި، ގޭގޭގައި ހަރުކޮށްފައި ހުންނަ ދޮރުފަދަ ތަކެތި ފީވެ ހަލާކުވެގެން ވެއްޓުމާއި، މީހުން ދިރިއުޅެމުންދާ ގޭގޭގެ ވައިގޮޅި ބަންދުކުރުމާއި، ޓެރަސްއާއި ހަދަމުންދާ އިމާރާތްތަކުގެ ޝީޓްމަތީގައި ރައްކާތެރިނޫންގޮތްގޮތަށް ފިލަޔާއި، ޓިނު އަދި ދަގަނޑު ފަދަ ތަކެތި ބަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.   މާލޭގެ އިމާރާތްތަކުގެ ސަލާމަތީކަންކަން މޮނިޓަރ ކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް ފަށުމަށް ހައުސިންގ މިނިސްޓަރީން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ހައުސިން މިނިސްޓަރުގެ ނައިބު ހަސަން ޒަރީރު ވިދާޅުވީ، މާލޭގައި ހެދުމަށް ހުއްދަ ދީފައިވާ ހުރިހާ ގެތަކަށް ވަކިވަކިން ވަދެ ޗެކް ކުރާނެކަމަށެވެ.ގަވާއިދާއި ޚިލާފަށް ހުރި މިފަދަ ކަންތައްތަކުގެ ސަބަބުން ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، ބައެއް މީހުންގެ ފުރާނަ ގޮސްފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ފާހަގަކުރެއެވެ. ވުމާއެކު ޢިމާރާތްތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާ ޢިމާރާތްތައް ކުއްޔަށް ދޫކުރައްވާ ފަރާތްތަކުން އަދި ޢިމާރާތް ކުރުމުގައި ހަރަކާތްތެރިވެލައްވާ ހުރިހާ ކޮންޓްރެކްޓަރުން ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދެއްވުމަށް ހައުސިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. ތަނެއް ޢިމާރާތްކުރުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިންނާއި މަސައްކަތް ކުރިއަށް ދާއިރު އަދި ޢިމާރާތްކޮށް ނިމި އިމާރާތް ބޭނުން ކުރަން ފެށުމުން ޢިމާރާތައް އިތުރު ބަދަލުތައް ގެންނަނަމަ ސަލާމަތީ ފިޔަވަޅުތައް އަޅުއްވައި، އެކަންކަން ފުރިހަމަ ކުރެއްވުމުގައި މާލޭ ޕްލޭނިންގ ގަވާއިދާއި، ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަންޖެހޭ ހާލަތުތަކުގައި ޖޫރިމަނާ ކުރެވޭނޭ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.