އަތޮޅުތައް

ޓުއަރިސްޓް ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަން ތަމްރީން ކުރުން


އަތޮޅުތަކުގައި ހިންގާ ޓުއަރިސްޓް ގެސްޓްހައުސްތަކާއި، ޓްރެވަލް އެޖެންސީތަކުގެ އިންސްޕެކްޝަން މަސައްކަތް ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް އއ. އަތޮޅު ރަށްރަށުގެ ކައުންސިލް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންގޮސްފިއެވެ.އެއްދުވަހުގެ މުއްދަތަށް ޓުއަރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ، ޓޫރިސްޓް ގެސްޓް ހައުސްތަކާއި، ޓޫރިޒަމާއި ގުޅުންހުރި، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން މަސައްކަތް ރަށު ކައުންސިލްތަކާއި ހަވާލުކުރުމަށް ރާވާފައިވާ ގޮތުގެ މައުލޫމާތުދީ، އެތަންތަން ޗެކްކުރާނެ ގޮތް ކިޔައިދީ، ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުތަކަށް އަހްލުވެރިކުރުވުމެވެ.ފަތުރުވެރިކަމާއިބެހޭ ވަޒީރު ބައިވެރިވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އައިޝަތު އަލީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓް ހައުސްތަކަކީ، ދެވަނައަށް އެންމެ ފުޅާ ވިޔަފާރިކަަމަށާއި، އެމަސައްކަތުގައި ރަށްރަށުގެ ކައުންސިލްތަކުގެ މުވައްޒަފުންގެ އެހީތެރިކަން ޓްއަރިޒަމް މިނިސްޓްރީއަށް ވަރަށްބޮޑަށް ބޭނުންވާކަމަށެވެ.މީގެ ކުރިން މާލެ އަތޮޅާއި، އދ. އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން މި ޕްރޮގްރާމް ބާއްވާފައިވާއިރު، އއ އަތޮޅަކީ މިޕްރޮގްރާމް ކުރިއަށްގެންދެވޭ ތިންވަނަ އަތޮޅެވެ.ޓުއަރިޒަމް ގާނޫނުގެ ދަށުން 2008 ވަނަ އަހަރު ގެސްޓްހައުސް ރަޖިސްޓްރީ ކުރަން ފެށުމާއެކު، މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 290 ގެސްޓްހައުސް ވަނީ ހުޅުވިފައެވެ.