ޚަބަރު

ކޯވިޑް-19 : ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަދު ހެނދުނު 8:07ހާއިރު ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

މިމީހާއެކު މިހާތަނަށް ރާއްޖެއިން 124 މީހުންވަނީ ކޯވިޑްގެ ނުރައްކާތެރި ބަލީގައި ދުނިޔޭ ދޫކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 124 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 54000އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު މިހާރުވެސް 22،000އަށްވުރެ ގިނަ މީހުން އަންނނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 300 އާ ގާތްކުރާ އަދަދަކަށް މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ މިމަސްވެފައިވަނީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަހަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް 51 މީހުންވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ.