ސިޔާސީ

2016 އަށް ލަފާކޮށްފައިވަނީ ޕްރޮގްރާމް ބަޖެޓެއް ނޫން- އެމް.ޑީ.ޕީ


ސަރުކާރުން  2016 ވަނަ އަހަރަށް ލަފާކުރައްވައި ހުށައެޅުއްވީ ޕްރޮގްރާމް ބަޖެޓެއް ނޫންކަމަށް ބުނެ، މިޑިއާއާ ބައްދަލުކޮށް އެމް.ޑީ.ޕީން ބަޖެޓަށް ފާޑުކިޔައިފިއެވެ.އެމް.ޑީ.ޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ޗެއަރޕާސަންގެ ނާއިބު ޢަލީ ނިޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޙައިސިއްޔަތުން އެޕާޓީގެ ކޮމެޓީތަކުން ބަޖެޓްގައިވާ އެކި ދާއިރާތައް ދިރާސާކުރިކަމަށާއި، މިދިޔަ އަހަރުގެ ބަޖެޓް ދިރާސާކުރި އިރުވެސް ފާހަގަކުރެވުނު ކަންކަން މިފަހަރުވެސް ހުރިކަމަށެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގެ ފުރަތަމަ ދުވަހު ބައެއް މެމްބަރުން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށާއި، މިބަޖެޓުގައި ރައްޔިތުންގެ ހެވާއި ލާބަޔަށް، އަދި ދައުލަތަށް ފައިދާވާ ގޮތަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ހިމަނުއްވާފައިވާކަމަށެވެ. އެމްޑީޕީން ބުނީ މުޅި ބަޖެޓަށް ބަލާއިރު ރަނގަޅުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، ރިކަރަންޓް އެކްސްޕެންޑީޗަރގެ ރޭޝިއޯ މިހާރު ބޮޑުވެގެން ނުދާކަމަށެވެ.އެމްޑީޕީގެ މެންބަރުން ވަނީ ބަޖެޓާމެދު ބަޙުސުއްކުރެއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ބަޖެޓާމެދު ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އަދި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައިވެސް މިފަދަ ވާހަކަތައް ތަކުރާރުކުރެއްވިއެވެ.