ޚަބަރު

ބަލި އެންމެ ގިނައިން ޖެހުނު އުމުރުފުރައިގެ މީހުން ވެކްސިން ނުޖަހާ


މިއަހަރުގެ މިހާތަނަށް ކޯވިޑަށް އެންމެ ގިނައިން ޕޮޒިޓިވްވި އުމުރު ފުރައިގެ 40 އިންސައްތަ މީހުން ވެކްސިން ޖަހާފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ކޯވިޑަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ އުމުރުން 18 އަހަރާއި 49 އަހަރުގެ މީހުންކަމަށެވެ. އެހެންނަމަވެސް މި އުމުރު ފުރާއިން ޕޮޒިޓިވްވީ މީހުންގެ 40 އިންސައްތަ މީހުން ވެކްސިން ޖަހާފައިނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 25 ވަނަދުވަހާއި ހަމައަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 34ހާހަށްވުރެ ގިނަ މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދު ހުރީ 23 ހާހުން މަތީގައެވެ.

އުމުރު ފުރާތަކަށް ބަލާއިރު 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރާއިން 8300 ވުރެ ގިނަ ފިރިހެނުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މި އުމުރު ފުރާއިން މި ބައްޔަށް ޕޮޒިޓިވްވި އަންހެނުންގެ އަދަދު އުޅެނީ 5000 ހާހުން މަތީގައެވެ. 31 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރު ފުރާއިން 8500 ވުރެ ގިނަ ފިރިހެނުންނަށް މި ބަލިޖެހިފައިވާއިރު އަންހެނުންގެ އަދަދު ހުރީ 5200 ވުރެ މަތީގައެވެ. 41 އަހަރާއި 50 އަހަރާއި ދެމެދުގެ އުމރު ފުރާއިން ބައްޔަށް ޕޮޒިޓިވްވި ފިރިހެނުންގެ އަދަދު ހުރީ 4000 ވުރެ މަތީގައެވެ، މި އުމުރު ފުރާއިން ބައްޔަށޤ ޕޮޒިޓިވްވި އަންހެނުންގެ އަދަދު ހުރީ 2800 ވުރެ މަތީގައެވެ.

މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60 ހާހާއި ގާތްކުރާއިރު ބަލި ޖެހުނު މީހުންގެ 76 އިންސައްތައަކީ ދިވެހިންނެވެ. ދެން އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ 12 އިންސައްތަ އަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ކޯވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 161،454 އަރާފައެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 307،927 އަރާފައެވެ.