ޚަބަރު

ދުވަސް ފެށުނީ 5 އަންހެނުންގެ މަރާއެކު، 28 އަހަރުގެ ޒުވާނަކުވެސް ހިމެނޭ


ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އިތުރު 5 މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ 5 އަންހެނުންނެވެ. މިއަދު ނިޔާވި މީހުންގެ ތެރޭގައި ޢުމުރުން 28 އަހަރުގެ ޒުވާނަކުވެސް ހިމެނެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑަށް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި 5 މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 4 މީހަކާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި މީހެއްކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޢުމުރުން 72 އަހަރުގެ އަންހެނަކާއި، 64 އަހަރުގެ އަންހެނަކާއި، 79 އަހަރުގެ އަންހެނަކާއި، 28 އަހަރުގެ އަންހެނެއްގެ އިތުރުން 68 އަހަރުގެ އަންހެނެކެވެ. މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 182އަށް އަރާފައެވެ.

މިބަލީގައި މިއަދު ނިޔާވި 28 އަހަރުގެ ޒުވާނާއަކީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ. މީގެއިތުރުން މިބަލީގައި 10 އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ ނިޔާވެފައެވެ. މިމަހު އެކަނިވެސް މިހާތަނަށް ވަނީ ވިއްސަކަށް މީހުން ނިޔާވެފައެވެ. މިބަލީގައި މިމަހުގެ ފުރަތަމަ ދުވަހުވެސް 8 މީހުން ވަނީ ނިޔާވެފައެވެ. ނިމިދިޔަ މޭ މަހަކީ ކޯވިޑްގެ ނުރައްކާ ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރިވެގެން ދިޔަ މަހެވެ. މޭ މަހު 145،921 ސާމްޕަލް ނަގާ ޓެސްޓުކޮށްފައިވެއެވެ. މީގެތެރެއިން 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިދިޔަ މަހުގެ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު މަހުގެ 19 ދުވަހު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދުތައް ހުރީ 1000 މަތީގައެވެ. އަދި މޭމަހުގެ 20 ވަނަދުވަހު ވަނީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 2000 މައްޗަށްވެސް އަރާފައެވެ.

މޭމަސް ފެށުނުއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 އިންސައްތައިގައެވެ. މި ރޭޓް މައްޗަށް އަރަމުން ގޮސް މިއަދަދު ވަނީ 39.56 އިންސައްތައަށް އަރާފައެވެ. އެހެންނަމަވެސް ސަރުކާރުން އެޅި ފިޔަވުތަކާއި އެކު މިއަދަދު ވަނީ 13 އިންސައްތަ ދަށަށް ޖެހިފައެވެ. މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީވެސް މޭ މަހުއެވެ. މޭމަހު އެކަނި 88 މީހުން ވަނީ ނިޔާވެފައެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 2 މަރަށްވުރެ ގިނަ އަދަދެކެވެ. މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ނިޔާވީ މޭމަހުގެ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 21،000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 200އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ވިދާޅުވެއެވެ.