ޚަބަރު

ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް ޙަސަން ނާޝިދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ.މޭގަ ޙަސަން ނާޝިދު ޢައްޔަނު ކުރައްވައިފިއެވެ.

ޙަސަން ނާޝިދަކީ ހޮރައޮޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޙަސަން ނާޝިދަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ޙަސަން ނާޝިދު ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެޓޭޗް ކޮންސިއުލަރ އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ. ޙަސަން ނާޝިދަކީ ސްކޮޓްލޭންޑްގެ އެޑިންބަރގްގެ މޮރޭ ހައުސް ކޮލެޖް އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖް ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ޙަސަން ނާޝިދު މިހާރު ދަނީ ޔުނިވަރސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް ކިޔަވާވިދާޅުވަމުންނެވެ.