ޚަބަރު

އެމްޑީޕީއާއި ޕީޕީއެމް ގުޅިއްޖެނަމަ މަލްޓިޕާޓީ ނިޒާމް ނިމުމަކަށް އަންނާނެ: ރައީސް


ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއާ އިދިކޮޅު މައި ޕާޓީ ޕީޕީއެމް ގުޅިއްޖެނަމަ ރާއްޖޭގައި އޮތް މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ގުޅިގެން އެމްޑީޕީން މަސައްކަތްކުރުމުގެ ޝަޢުޤުވެރިކަން ފާޅުކޮށް އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެޕާޓީގެ ބައެއް އިސް ފަރާތްތަކުން ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނު ތާޢީދުކުރައްވަނީ މަލްޓި ޕާޓީ ނިޒާމެއް ރާއްޖޭގައި އޮތުމަށްކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގައި އޮތީ މައިގަނޑު ދެ ސިޔާސީ ފިކުރެއްކަމަށާއި، އެއީ އެމްޑިޕީއާއި ޕީޕީއެމްގެ ފިކުރުކަމަށެވެ. އަދި އެ ދެޕާޓީން ކޯލިޝަން ހެދުމަކީ މަލްޓި ޕާޓީ ނިޒާމަށް ރަނގަޅު ގޮތެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިހު ވިދާޅުވީ ދެ ޕާޓީންވެސް މަސައްކަތްކުރަންވާނީ ވަކިންކަމަށާއި، އެއީ ސިޔާސީ ނިޒާމާއި، ރާއްޖޭގެ ކުރިއެރުމަށްވެސް އޮތް އެންމެ ރަނގަޅުގޮތްކަމަށެވެ. އަދި އެމްޑީޕީން ކަންކަން ނިންމާނެގޮތް އެޕާޓީގެ ޤަވާއިދުތަކުގައި އޮތްއިރު، ވަކި ބޭފުޅަކު ވިދާޅުވާ ވިދާޅުވުމަކީ އެމްޑީޕީގެ ނިންމުމަކަށް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްބަޔަކު އަނެއްބަޔަކު ކުރާ ކަންތަކަށް ސުވާލުކުރެވި ފާޑުކިޔެންޖެހޭނެ. އެއާ ޚިލާފަށް މި ދެޕާޓީ އެކުވެއްޖެއްޔާ ރާއްޖޭގައި މިއޮތް މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތް. އެހެންވީމަ އެމްޑީޕީއާ ޕީޕީއެމް ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ރަނގަޅުގޮތްކަމަކަށް އަޅުގަނޑެއް ނުދެކެން. އަދި ޕާޓީގެ ޗެއަރޕާސަން އެގޮތަށް ވިދާޅުވިނަމަވެސް އެއީ އެއީ އެމްޑީޕީގެ ނިންމުމެއްނޫން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕީޕީއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޕީޕީއެމްއިންވެސް ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.