ޚަބަރު

ފުލުހުންގެ ޚިދުމަތް ހަރުދަނާކުރަން އެންމެ އިސްކަންދެނީ ރަނގަޅު ތަމްރީނަށް - ހޯމް މިނިސްޓަރ


ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހަރުދަނާކުރުމަށް ސަރުކާރުން އެންމެ އިސްކަން ދެއްވަނީ ފުލުހުންނަށް ފެންވަރު ރަނަގަޅު ތަމްރީން ދިނުމަށްކަމަށް، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، އިންޑިއާގެ ހައިދަރު އާބާދުން އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަ ކުރި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަކުރި ފުލުހުންނާއި ބައްދަލުކުރެއްވުމަށްފަހު ހޯމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިޕީއެސްގެ ދެވަނަ ފޭސް ފުރިހަމަކުރި ފުލުހުންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން، އެތަމްރީނުތަކުން ދަސްވި ކަންކަން ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގައި ބޭނުންކުރަން އެމީހުންގެ ހުރި ޝައުގުވެރިކަން އެނގިވަޑައިގެންނެވިކަމަށެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރވަނީ ކޯސް ފުރިހަމަކުރި ފުލުހުންނަށް މަރުހަބާ ވިދާޅުވެ ލިބުނު ތަމްރީނުތަކުގެ ބޭނުން މަސައްކަތުގެ މައިދާނުގައި ހެޔޮގޮތުގައި ހިފައި ޤައުމަށް ޚިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަ ކުރި ފުލުހުންނަށް މަރުހަބާ ދަންނަވައި ކޯސް ފުރިހަމަ ކުރުމަށް އެ މުވައްޒަފުންކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޯހުން ލިބުނު ތަމްރީނުތަކާއި ތަޖުރިބާގެ އަލީގައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތްކުރުމަށާއި ގައުމަށާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރ 17 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގެ 71 ވަނަ ބެޗުގައި ބައިވެރިވި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ރުޤިއްޔާ ސިމާއާއި އިންސްޕެކްޓަރ އޮފް ޕޮލިސް މަރްޔަމް ރަޝީދާގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ޑޮކްޓަރ ހަސަން ޢުމަރުއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ވަސީމްއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ 16 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގެ 72 ވަނަ ބެޗުގައި ބައިވެރިވި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއް ލަޠީފް މުޙައްމަދުއާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލްޢަޒީޒްގެ އިތުރުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނާޡިމްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބު ޢަބްދުއްރަޙްމާންއެވެ.

އައިޕީއެސް ޕްރޮބޭޝަނަރސް ކޯހަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި، ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ. ކޯސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށެވެ. އެގޮތުން ފިޒިކަލް ޓްރެއިނިންގ އާއި ވެޕަން ޓްރެއިނިންގެ އިތުރުންވެސް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދެއެވެ

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންނަށް ދަނީ ލިބެމުންނެވެ.