ޚަބަރު

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ބިލާގުޅޭ ގޮތުން އިލްވުމުވެރިންނާއި ބަންޑާރަ ނާއިބު ބައްދަލުކުރައްވައިފި


ނަފްރަތުގެ ޢަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާޙުގެނައުމަށް މަޖިީހަށް ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީޢާގެ ޢިލްމީ ބޭފުޅުންނާ ބަންޑާރަ ނާއިބު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި، މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސްކުރައްވާފައިވާ ނަފްރަތުގެ ޢަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާޙުގެނައުމުގެ ބިލުގެ ދެލިކޮޕީއާމެދު މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ބައްދަލުވުމުގެ ބައިވެރިންވަނީ ހުށަހަޅުއްވިކަމަށެވެ.

މި ބައްދަލުވުންތައް ކުރިއަށްއޮތްތަނުގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުާމި ބިލާގުޅޭގޮތުން މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީޢާގެ ޢިލްމީ ބޭފުޅުންނާ ބަންޑާރަ ނާއިބު ބައްދަލުކުރައްވާފައިވާއިރު، މިބިލާއި ގުޅިގެން ކަންބޮޑުވާ ކަންތަތަކެއް އެކިފަރާތްތަކުންގެންދަނީ ފާޅުކުރަމުންނެވެ.

މިއާއެކު ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ފާސްކުރި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު އިތުރަށް ދިރާސާކުރުމަށްވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ. އަދި އެ ބިލު ފުރަތަމަ ހުށައެޅިގޮތަށް ފާސްކުރުމަށް އެދިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ.

މިބިލާއި ގުޅިގެން އުފެދުނު ނުތަނަސްކަމާއެކު ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން މިހާރުވަނީ އިސްލާމް ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށްވެސް ޤާނޫނުލް އުޤޫބާތަށް އިސްލާޙު ގެނައުމަށް ބިލެއް ހުށައަޅުއްވާފައެވެ. މިއީ ދީނުގެ އަސާސްތައް ނަގަހައްޓައި، ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުހިންމު ބިލެއްކަމަށް އެ ބިލު ހުށައެޅުއްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންވަނީ ވިދާޅުވެފައެވެ.