ޚަބަރު

ފަރަށް އެރި ބޯޓާއި ފަޅުވެރިންނަށް ފުރޭނީ ޖޫރިމަނާ ފައިސާ ދެއްކުމުން - އީޕީއޭ


ރަސްފަރި ފަރަށް އެރި އާގު ބޯޓު ފުންކުރެވުމުން ޖޫރިމަނާ ފައިސާ ދެއްކުމަށް 100 މިލިޔަން ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ދެއްކުމަށްފަހު ބޯޓާއި އޭގެ ފަޅުވެރިންނަށް ރާއްޖެއިން ފުރައިގެން ދެވޭނެކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖޭންސީ(އީޕީއޭ)އިން ބުނެފިއެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، ދަތުރުކުރަމުންދަނިކޮށް މާލެ އަތޮޅު ރަސްފަރި ފަރަށް އަރާފައިވާ އާގު ބޯޓު ފުންކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.

މިމަހުގެ 19ވަނަ ދުވަހު ފަރަށް އެރި މި ބޯޓުގެ ކެޕްޓަން އިހުމާލުވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވާއިރު، އީޕީއޭއިން ވިދާޅުވީ ފަރަށް އަރާ މިފަދަ ބޯޓެއް އަރައިފިނަމަ ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރަކީ 100 މިލިޔަން ރުފިޔާކަމަށާއި، އެއަދަދަށް ޑިޕޮސިޓް ފައިސާ ދައްކައިފިނަމަ ލިބުނު ގެއްލުމުގެ ދިރާސާކުރުމުގެ މަރުހަލާ ނިމުމުގެކުރިންވެސް ރާއްޖެއިން ފުރައިގެން ދެވޭނެކަމަށެވެ.

މިކަމާއި ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ބޯޓު ފަރަށް އެރުމުން ލިބުނު ސީދާ ގެއްލުންތައް ދެނެގަނެވޭނީ ބޯޓު ފުންކުރެވުމުން އެކަމާ ގުޅިގެން ހަދާ އެސެސްމެންޓްތަކަށްފަހުކަމަށެވެ. އެހެން ނަމަވެސް ޖޫރިމަނާގެ ގޮތުގައި ގިނަވެގެން ނެގޭނީ 100 މިލިޔަން ރުފިޔާކަން ޤާނޫނުގައި ކަނޑައަޅާފައިވާތީ އޭގެ ކުރިން ބޯޓު ރާއްޖެ ދޫކޮށް ފުރާނަމަ އިންޝުއަރެންސް ކުންފުނިން ނުވަތަ އޭޖެންޓް އެ ޢަދަދަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ފުރުމުގެ ޙުއްދަ ދެވޭނެކަމަށެވެ.

މިފަދަ މައްސަލަތަކުގެ އެސެސްމެންޓް ނިމޭއިރު ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަށްވުރެ ކުޑަ ގެއްލުމެއްނަމަ އެފައިސާ އަނބުރައި ސަރުކާރުން ދައްކާނެކަމަށް އީޕީއޭއން ވިދާޅުވިއެވެ. އީޕީއޭގެ ޑިރެކްޓަރ ރިފްއަތު ނައީމް ވިދާޅުވީ އެއިދާރާއިން ކުރިއަށްގެންދާ ޕްރޮސީޖަރ ތަކަށް ވަގުތު ނެގިނަ ނަމަވެސް ގިނަ ޖޫރިމަނާއަށް ފައިސާ ދެއްކުމަށްފަހު ބޯޓަށް ފުރޭނެކަމަށެވެ.

"އަޅުގަނޑުމެންގެ މިއޮންނަ އެސެސްމަންޓްތައް ހަދާފައި ޕްރޮސީޖަރތައް ނިންމާފައި ޖޫރިމަނާ މިކުރަނީ. ކުރީމަ އިންށުއަރެންސް ކުންފުންޏަކުން އެފައިސާ ދަޢުލަތައް ދައްކަނީ. އެހެންވީމަ ބޯޓު ފުންކުރުމަށްފަހު އެބޭފުޅުންގެ އިންޝުއަރެންސް ކުންފުނިން މި އޮޕްޝަން ޚިޔާރުކޮށްފިއްޔާ އެބޭފޫލުންނަށް ދެވޭނެ. ޤާނޫނުގައި އޮންނަނީ 100 މިލިޔަން ރުފިޔާއަށްވުރެ އިތުރަށް ނުދެވޭނެކަމަށް. ދެން ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމަށްފަހު ބަދަލުގެ ގޮތުގައި ކަންތައްތަކެއް އެބަހުރޭ ކުރަން ޖެހިފަ" ރިފްއަތު ވިދާޅުވިއެވެ.

ސެޕްޓޭމްބަރު ދެއަކަށް ބޯޓު ފުންކުރެވޭނެކަމަށް ބެލެވޭކަމަށާއި، ގެއްލުންތައް ދެނެގަތުމުގެ ސަރވޭތައް ފަށޭނީ އޭގެފަހުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރީން ވަނީ ހާމަކޮށްފައެވެ.

މިބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހިގެންކަމަށާއި، ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއްކޮށްފައިނުޥާއިރު، މިހާދިސާ ހިނގުމުން އަންގަންޖެހޭ ފަރާތްތަކަށް ކެޕްޓަން އަންގާފައިނުވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުންވަނީ ބުނެއެވެ.