ޚަބަރު

ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު މެންދުރު 13:28ހާއިރު ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 229ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 210 ދިވެހިންނާއި، 19 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި އިއްޔެވެސްވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވީ ގދ.ތިނަދޫގައި ހުންނަ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މިއަހަރުގެ މެއި މަހުއެވެ. މެއި މަހު 80 އަށްވުރެ ގިނަ މީހުން ކޯވިޑް ޖެހިގެން ނިޔާވިއެވެ. ރާއްޖޭގައި އަނެއްކާވެސް ކޯވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާރު ރާއްޖެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 83،000އިން މައްޗަށް އަރާފައެވެ.