ޚަބަރު

މިއަދު މާލެއާ ރަށްރަށުން ވެސް ކޯވިޑަށް ޕޮޒިޓިވްވި އަދަދު 37ގައި


ރާއްޖެއިން އިތުރު 84 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 170 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 3 ދުވަހު ކޯވިޑްގެ އަދަދުތައް އުޅެނީ 100އިން ދަށުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 24 ގަޑިއިރުތެރޭގައި 84 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 37 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުންވެސް ޕޮޒިޓިވްވި 37 މީހުންނެވެ. އަދި ރިސޯޓްތަކުން 9 މީހުން ޕޮޒިޓިވްވިފައިވާއިރު ސަފާރީތަކުންވެސް އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 83،332އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދާ 1686 މީހުންގެ ތެރެއިން 18 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 170 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،404އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 3،109 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 229 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.