ޚަބަރު

ޕޭ ފްރޭމްވަރކްއާއެކު މުސާރައިގެ މައްސަލައަށް ހައްލު ލިބިގެންދާނެ: ރައީސް އޮފީސް


އަންނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާ އެއްހަމަ ޕޭ ފްރޭމްވަރކްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ދަޢުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައިކަމަށެވެ. އެގޮތުން އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށާއި، މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ޕޭ ފްރޭމްވަރކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށްވެސް އެކަށޭނަ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިގޮތުން ކަނޑައަޅާ މުސާރައާއި ޢިނާޔަތްތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ޢިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ އެކި ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިމަތިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ރިޢާޔަތްކޮށްގެން ކަނޑައެޅޭނެ މުސާރައާއި ޢިނާޔަތްތަކެއް ކަމުގައިވާނެކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި އައު ޕޭ ފްރޭމްވަރކަށް މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް ފެށުންކަމަށާއި، މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރުގެ ތެރޭގައި ޢިއުލާނު ކުރާނެކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ކޯވިޑް-19ގެ ދަތި ހާލަތުގައިވެސް ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް ސަރުކާރުން ވަނީ ދެއްވާފައެވެ.