ޚަބަރު

އިތުރު 142 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 84،000އިން މައްޗަށް


ރާއްޖެއިން އިތުރު 142 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 84،000އިން މައްޗަށް އަރައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި 142 މީހުންގެ ތެރޭއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 42 މީހުންނެވެ. ރަށްތަށުން 88 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 12 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރުމިވަނީ 84،017އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 1674މީހުންނެވެ. އަދި އޭގެތެރެއިން 20 މީހުންނަށް ފަރުވާދެމުން ގެންދަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 162 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82،101 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4،155 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 229 މީހުން ވަނީ ނިޔާވެފައެވެ.