ފޭސްބުކް ޙިދުމަތް މެދު ކެނޑުމާއިއެކު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފޭސްބުކްގެ ސީއީއޯ. މާކް ޒަކަބާގްއަށް ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށް މާލީ ޙަބަރުތަށް ގެނެސްދޭ ބްލޫމްބާގްއިން ބުނެފިއެވެ.
ބްލޫމްބާގްއިން ގެންގުޅޭ ބްލޫމްބާގް ބިލިއަނަރ އިންޑެކްސް ދައްކާގޮތުން އިއްޔެގެ ވަގުތެއްގައި ފޭސްބުކް އަދި އެކުންފުނީގެ ދަށުގައިވާ އެހެން އެޕްލިކޭޝަންތައްކަމަށްވާ އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ޙިދުމަތް މެދުކެނޑުމުން ކުންފުނީގެ ހިއްސާތައް ވަނީ މަދު ގަޑިއިރުތަކެއް އަގުވެއްޓިފައެވެ. އެގޮތުން ޙިދުމަތް މެދުކެނޑިގެން ދިޔަ ވަގުތު ހިއްސާތަކުން ގާތްގަނޑަކަށް އެކުންފުންޏަށް %5 އާއި ހަމައަށް ގެއްލުން ވެގެން ދިޔައެވެ. މީގެ އަސަރު ބޮޑަށް ދައްކާފައިވަނީ އެކުންފުނީގެ ވެރިޔާ މާކް ޒަކަބާގްގެ މިލްކީއްޔާތުންނެވެ. އެގޮތުން ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރު މިލްކީއްޔާތުން ދައްވެގެން ގޮސްފައިވެއެވެ.
މިއާއި އެކު މިވަގުތު އޭނާ ވަނީ ދުނިޔޭގެ 5 ވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމަށް ފަހަތަށް ޖެހިލާފައެވެ. އަދި މައިކްރޯސޮފްޓުގެ ބިލް ގޭޓްސް ވަނީ 4 ވަނައަށް އަރައި ކުރިއަށް ޖެހިލާފައެވެ. މާކް ޒަކަބާގްގެ މިލްކިއްޔާތުގައި މިވަގުތު ހުރީ 122 ބިލިއަން ޑޮލަރުގައެވެ.
ބްލޫމްބާގްއިން ހާމަކުރި ގޮތުގައި، މާކް ޒަކަބާގުގެ މިލްކީއްޔާތު މީގެކުރީން މިދިޔަ މަހުން ފެށިގެންވެސް ދިޔައީ މަޑުމަޑުން ދައްވަމުންނެވެ. އޭގެ ސަބަބެއްކަމަށް ގިނަ ބަޔަކު ލަފާ ކުރަނީ ފޭސްބުކަށް އެކުންފުނީގެ އެޕްލިކޭޝަންތަކުން ކުރާ ނޭދެވޭ އަސަރު އެނގިތިބެ، އަޅާ ނުލާ ތިބުމެވެ. އަދި ގިނަ ލިޔެކިއުންތަކެއް މިކަމާއި ގުޅިގެން އާންމުވެފައިވާއިރު، ދާދި ފަހުން ވިސްލް ބްލޯވަރެއް ވަނީ އަމިއްލަ ވަނަވަރު ހާމަކޮށް މީޑީއާތަކުގެ ކުރިމައްޗަށް ވެސް މިކަމާއި ގުޅިގެން ނިކުމެފައެވެ.
ފޭސްބުކުގެ އެޕްލިކޭޝަންތައް ގާތްގަނޑަކަށް މަދުވެގެން 5 ގަޑިއިރާއި 7 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މެދުކެނޑިފައި ހުއްޓެވެ. މީގެ ސަބަބެއް ކަމަށް އެކުންފުނިން ރަސްމީކޮށް ބުނެފައިވަނީ ރައުޓާރ ކޮންފިގަރޭޝަނަށް ގެނައި ބަދަލެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި މިއީ ބަޔަކު ދިން ސައިބާ ހަމަލާއެއް ކަމަށް ދެކެވޭ ވާހަކަތައް އެކުންފުނިން ވަނީ ދޮގު ކޮށްފައެވެ.
ލަފާ ކުރެވޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 3.5 ބިލިއަނަށް ވުރެ ގިނަ މީހުން ފޭސްބުކް ކުންފުނީގެ އެކި އެޕްލިކޭޝަންތައް ބޭނުން ކުރެއެވެ. އަދި މިއީ އެކުންފުނީގެ ޙިދުމަތް މިހާ ގިނައިރު ވަންދެން މެދުކެނޑިގެން ދިޔަ ފުރަތަމަ ފަހަރެވެ.