ހދ ނޭކުރެންދޫގައި ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ފަންގި ވިނުން ނަމަވެސް ދަނޑުވެރިކަން ފުޅާކުރެއްވުމަށް ރަށު ކައުންސިލުން މިހާރު ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ނޭކުރެންދޫގެ ގިނަ ފިރިހެނުން އާމްދަނީ ހޯދުމަށް މަސައްކަތްކުރަމުންދަނީ ރަށުން ބޭރުގައެވެ. ރަށުގައި ސަރުކާރު އޮފީސްތައް ނޫން އެހެން ގޮތަކަށް އާމްދަނީ ހޯދުމަށް ކުރާނެ މާގިނަ މަސައްކަތެއް ނުހުރެއެވެ. ބައެއް ފިރިހެނުން ކަންނެލި މަސްވެރިކަން ކުރުމުގައި ޙަރަކާތްތެރިވެއެވެ. ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަންހެނުން ކުރަމުންދާ މަސައްކަތަކީ، ފަންގި ވިނުމެވެ. އާމްދަނީ ހޯދުމަށްވުރެ ބޮޑަށް މި މަސައްކަތްވެސް ބައެއް މީހުން ކުރަމުންދަނީ ހޮބީއެއްގެ ގޮތުގައެވެ. މި މަސައްކަތްކުރަނީ ހެނދުނު ރަށްޓެހިން އެކުގައި ވާހަކަދައްކާ ގުޅުންބަދަހި ކުރެވޭފަދަ ގޮތަކަށެވެ.
" މި މަސައްކަތް ކުރަނީ ހެނދުނު ނުވަގަޑި ތިރީސް އެހާއިރު.ވަލުތެރެއަށް ގޮސް ފަން ހޯދައިގެން މި މަސައްކަތްކުރަނީ ރައްޓެހިންނާއި އެކު. މިއީ ދެން ވަރަށް ގުޅުންވެސް ބަދަހިކުރެވޭ ކަމެއް. އަނެއްހެން އާމްދަނީ ހޯދުމަށް ވުރެ ބޮޑަށް މި މަސައްކަތް ކުރަނީ ހޮބީ އެއްގެ ގޮތުގައި.މަހެއްގެ މައްޗަށް ލިބެނީ ކިހާއާމްދަނީ އެއްތޯވެސް ނުބަލަން" ފަންގި ވިނުމުގެ މަސައްކަތް ކުރާ ޒުވާން އަންހެނަކު ކިޔައިދިނެވެ.
ފަންގި ވިނުމަށް ފަހު އެ ވިއްކަނީ މާލެއަށެވެ. އަދި ރަށުގެ ބައެއް މީހުންވެސް ފަންގި ބައެއް ރިސޯޓްތަކަށްވެސް ވިއްކަމުންދެއެވެ. ރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޒާން ވިދާޅުވީ، ފަންގި ވިނުމުގެ މަސައްކަތަށް މާކެޓް ހޯދަން ވެސް ނުޖެހޭ ކަމަށާއި، ގިނަ ފަހަރު އޮންނަނީ ފަން ލިބޭގޮތް ނުވެފައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ރަށުގައި ދަނޑުވެރިކަން ކުރުމަށް 47 ދަނޑު ދޫކޮށްފައިވާ ކަމަށާއި، ދަނޑުވެރިކަން ފުޅާކުރެއްވުމުގެ ގޮތުން ދަނޑުތަކަށް ކަރަންޓް ގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
" މިހާރު ދަނީ ކަރަންޓް ފޯރުކޮށްދިނުމަށް މަގުތައް ކޮނުމުގެ މަސައްކަތްކުރަމުން. މީގެ އިތުރުން ކައުންސިލުން އެބަގެންދަން ކައުންސިލަށް އާމްދަނީ ހޯދުމަށް ބަކަރި ކޮށްޓެއްވެސް އެޅުމުގެ މަސައްކަތްކުރަމުން." ޝިޒާން ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މިހަރު ރަށުގެ ބަނަދަރު ސަރަޙައްދަށް ފެން ފޯރުކޮށް ދިނުމާއި ރަށުގައި ކުނިނައްތާލާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ޝިޒާން ވިދާޅުވިއެވެ. އަދި ރަށުގައި މި ވަގުތު ކުނި ނައްތާލާނެ ނިޒާމެއް ޤާއިމްވެފައި ނެތުމުން އެމަސައްކަތް މިހާރު ދަނީ ކުރަމުން.ޑަސްބިންތައް ހޯދާ ބިން ސާފުކޮށް، ޖެނުއަރީ މަހު އެއްތަނަކަށް ކުނި ޖަމާކޮށް މަސައްކަތް ފަށައިގަނެވޭނެ" ޝިޒާން ވިދާޅުވިއެވެ.
ފުލުހުންގެ ޙިދުމަތް ލިބޭ ނޭކުރެންދޫގައި މި ވަގުތު ރަށުގައި އާ ސްކޫލެއް އިމާރާތްކުރުމުގެ އިތުރުން އާ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދެއެވެ. މީގެ އިތުރުން ސަރުކާރުން 300 މީހުންގެ ޖާގައިގެ ޖަލެއް އެޅުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމެޖެހިފައެވެ. ޖަލުގެ މަސައްކަތް ފެށުމުންވެސް ރަށުގައި އިތުރުވަޒީފާ ފުރުޞަތުތައް އިތުރުވެގެންދާނެ.