މިދިޔަ ހަފްތާތެރޭގައި ޓެސްލާ ކުންފުނީގެ 7 ބިލިއަން ޑޮލަރުގެ ހިއްސާ އެލޮން މަސްކް ވިއްކާލާފައިވާ ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޓެސްލާ ކުންފުނީގެ ހިއްސާތަ އެލޮން މަސްކް ވިއްކަން ފަށާފައިވަނީ އޭނާ ޓެކްސްގެ ގޮތުގައި ދައްކާ އަދަދު އިތުރު ކުރުމަށް ކަމަށް ބުނެއެވެ. އޭނާ ވަނީ ކުންފުނީގެ 10 އިންސައްތަ ހިއްސާ ވިއްކުމާއި ގުޅޭ ގޮތުން ޓްވިޓަރގަ ޕޯލްއެއް ވެސް ނަގާފައެވެ. މި ޕޯލަށް 3.5 މިލިއަން މީހުން ޖަވާބު ދީފައިވާއިރު، ބައިވެރިވި މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ޖަވާބު ދިނީ ހިއްސާ ވިއްކުމަށެވެ.
އެލަން މަސްކުގެ މިނިންމުމަކީ ހަމައެކަނި ޓްވިޓަރ ޕޯލްއަކަށް ބަލައިގެން ނިންމި ނިންމުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. މީގެ އެއް ސަބަބަކީ އޭނާ މީގެ ކުރިންވެސް 4 ވަނަ ކުއާޓަގައި ބައެއް ހިއްސާ ވިއްކާނެ ކަމުގެ އިޝާރާތެއް ކޮށްފައިވުމާއި، މި ޕޯލްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ހިއްސާ ވިއްކަން ތައްޔާރުވެފައިވާކަން މިހާތަނަށް އާންމު ވެފައިވާ އޭނާގެ ބައެއް ލިއެކިއުންތަކުން އެނގެއެވެ.
މިހަފްތާ ތެރޭގައި މިހާތަނަށް ޖުމްލަ 6.9 ބިލިއަން ޑޮލަރުގެ ހިއްސާ އޭނާވަނީ ވިއްކާލާފައެވެ. މިއީ ގާތްގަނޑަކަށް ވިއްކަން ބުނި ހިއްސާގެ އެންމެ 10 އިންސައްތަ ހިއްސާގެ ތެރެއިން އެންމެ 4 އިންސައްތަ ހިއްސާއެވެ. އޭނާ ވަނީ ހުކުރު ދުވަހު އެކަނިވެސް 1.2 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައެވެ.
މިއާއެކު މިއީ ޓެސްލާގެ ހިއްސާތައް ހިއްސާގެ ބާޒާރުގައި ޕެންޑެމިކް ފެށިގެން އައިފަހުން އެންމެ ދަށްވެގެން ދިޔަ ފަހަރެވެ. އެގޮތުން އެންމެ ފަހުން ޓެސްލާގެ ހިއްސާއެއްގެ އަގު ވަނީ 15.7 އިންސައްތަ ތިރިއަށް ޖެހިފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ބަދަލާއެކު ޓެސްލާގެ ހިއްސާތަކުގެ އަގު އަދިވެސް ބާޒާރުގައި ބޮޑެވެ.
ދުނިޔޭގެ ބިލިއަނަރުންގެ ތެރެއިން އެލަން މަސްކްއަކީ ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރި އެކެކެވެ. އޭނާގެ މިނިންމުން އައިސްފައި މިވަނީ އެމެރިކާގެ ޓެކްސް ބިލްތައްވެސް ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެހެން ކަމުން މިއީ ޓެކްސް ދެއްކުމަށް އޭނާ ޖެހޭއިރު އެކަން ފަސޭހަކޮށް އޭނާގެ އާމްދަނީއާއި އެއް ހަމައަށް ޓެކްސް ދެއްކުމަށް ބޭނުން ކުރި އުކުޅެއް ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ.