ދުނިޔޭގެ ވިޔަފާރި

އިންޑިއާ ރައްޔިތުން ސްޓާލިންކު ޚިދުމަތް ގަތުން ހުއްޓާލުމަށް ގޮވާލައިފި


ސެޓެލައިޓު މެދުވެރިކޮށް އިންޓަނެޓުގެ ޚިދުމަތް ދިނުމަށް ސްޓާލިންކަށް ހުއްދަ ދީފައިނުވާކަމަށް ބުނެ، ސްޓާ ލިންކުގެ ޚިދުމަތް ނުގަތުމަށް އިންޑިއާއިން ގޮވާލައިފިއެވެ.

ސްޓާލިންކް ކުންފުނި މިދިޔަމަހު ރަޖިސްޓްރީކުރި ނަމަވެސް، އިންޑިއާގައި ސެޓެލައިޓު މެދުވެރިކޮށް އިންޓަނެޓުގެ ޚިދުމަތް ދިނުމަށް، އިލާން މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ ސެޓެލައިޓު ޑިވިޝަން ސްޓާ ލިންކް ކޮމިއުނިކޭޝަންގެ ވިޔަފާރި އިންޑިއާގައި ރަޖިސްޓަރ ކޮށްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. މިއާއެކު އެކުންފުނިން ދަނީ ޕްރީ-އޯޑާ ނަގަމުންނެވެ. ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި އިންޑިއާއިން ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ފަހުވެސް 5000 އެެއްހައި ސްޓާލިންކް ޑިވައިސް މީހުން ޕްރީ އޯޑާ ކުރިއެވެ.

ނަމަވެސް ސްޓާ ލިންކުގެ މިމަސައްކަތް ބާރަށް ކުރިއަށް ދަނިކޮށް އެ ޤައުމުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑިޕާޓްމެންޓު އޮފް ޓެލެކޮމިއުނިކޭޝަނުން ނެރުނު ބަޔާނެއްގައި އިންޑިއާގެ ރައްޔިތުން ސްޓާ ލިންކުގެ އެއްވެސް ޑިވައިސް އެއް ނުގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިވަގުތަށް ސްޓާ ލިންކުން މިފަދަ ޙިދުމަތެއް ދިނުމުގެ ލައިސެންސް ނެތުމާއިއެކުވެސް އެކުންފުނިން އިންޑިއާގައި ޙިދުމަތް އިސްތިހާރު ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން މިފަދަ ބަޔާނެއް ނެރުނީ، ބްރޯޑްބޭންޑް އިންޑިއާ ފޯރަމް ކިޔާ، ބޮޑެތި ޓެކްނޮލޮޖީގެ ވިޔަފާރި ކުންފުނިތައް އެއްވެގެން އިންޑިއާގައި ހަދާފައިވާ ގްރޫޕަކުން އެ ކަމާއި ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން ކަމަށް އިންޑިއާއަށް ނިސްބަތްވާ އިކޮނޮމިކް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ. މި ގްރޫޕުގެތެރޭ މައިކްރޯސޮފްޓް، ގޫގުލް އަދި ފޭސްބުކު ފަދަ ކުންފުނިތައް ހިމެނެއެވެ.

ސްޓާ ލިންކު ކުންފުނީގެ ވިޔަފާރި އިންޑިއާގައި ރެޖިސްޓަރ ކުރިއިރު ދިއްލީއާއި ކައިރި ބައެއް ސަރަހައްދުތަކުގެ ސްކޫލްތަކަށް އެކުންފުނީގެ 100 ޑިވައިސް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން ވަކިން އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ތިބި 12 ސަރަހައްދަކަށް ޚިދުމަތް ދިނުމަށް އެކުންފުނިން އަމާޒު ހިފާނެއެވެ.

އެކުންފުނީގެ އަމާޒަކީ ޑިސެމްބަރު 2022 ނިމެންވާއިރަށް 200،000 ޑިވައިސް އިންޑިއާގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމެވެ. މީގެތެރެއިން 80 އިންސައްތަ ޑިވައިސްއަކީ އިންޓަނެޓު ޚިދުމަތް ދިނުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތް މިހާރު ޤާއިމުކުރުމަށް ދަތިވެފައިވާ ސަރަހައްދުތަކަށް އެ ޙިދުމަތް ފޯރުކޮށްދެވޭނެ ވަސީލަތްތައް ކަމަށް ސްޓާ ލިންކުން ބުނެއެވެ.