އެޕަލް ކުންފުނީގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ބޭނުންވާ ސާމާނު ގަތުމަށް 1000 ޑޮލަރު ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
އެކުންފުނިން މިކަން ހާމަކޮށްފައި ވަނީ އެކުންފުނީގެ ސީއީއޯ ޓިމް ކުކް މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައެވެ. މި އީމެއިލްގައި އެކުންފުނީގެ މުވައްޒަފުން އަނބުރާ އޮފީހަށް ނިކުންނަންޖެހޭ ދުވަސް ލަސްވެފަައިވާކަމަށް ޓިމް ވަނީ އަންގާފައެވެ. އަދި މުވައްޒަފުން މަސައްކަތައް ނިކުންނާނެ ދުވަހެއް ފަހުން އަންގާނެކަމަށް ވަނީ ބުނެފައެވެ.
މިމުއްދަތުގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް މުވައްޒަފުންނަށް 1000 ޑޮލަރު ދިނުމަށް ނިންމާފައިވާކަމަށް ޓިމް ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރަށް އެކުންފުނީގެ ހުރިހާ ފިހާރައެއްގައި މާސްކް އެޅުން އަނެއްކާވެސް ކުންފުނިން ވަނީ މަޖުބޫރުކޮށްފައެވެ. މީގެކުރީން ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ މާސްކް އެޅުން މަޖްބޫރު ނުކުރުމަށް ސީޑިސީގެ ލަފާގެ މަތިން ނިންމިއެވެ.
އެޕަލްއިން މިގޮތަށް ނިންމާފައިވަނީ އެމެރިކާގެ ކޯވިޑު ކޭސްތައް އިތުރުވެ އޮމިކްރޯން ވޭރިއަންޓް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިއޮތް ދަނޑިވަޅެއްގައެވެ.
އެޕަލް ކުންފުނީގެ މި ނިންމުން މިގޮތަށް އައިސްފައިވާއިރު، ފޭސްބުކް އަދި ގޫގުލްއިންވެސް މުވައްޒަފުން އަނބުރާ އޮފީހަށް ނެރޭ ދުވަސްތައް މީގެކުރީން އެތައް ފަހަރަކު ބަދަލު ކުރިއެވެ. ހަމައެގޮތަށް އޫބަރއާއި އެމެޒޯންގެ ނިންމުންވެސް ބަދަލުވިއެވެ.
އެޕަލްއިން 1000 ޑޮލަރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ދޭން ނިންމިއިރު މީގެކުރީން ފޭސްބުކް އަދި ގޫގުލްއިންވެސް ގޭގައި ތިބެ މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ބޯނަސްދިނެވެ.