ޚަބަރު

ދަތުރު ކުރުމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


  • މޫސުމަށް ބަލާގެން ހުރިހާ ބޭފުޅުންވެސް ދަތުރު ކުރުން މުހިންމު

  • ދަތުރު ކުރާ ހުރިހާ ޕަސެންޖަރުންނަށް ވެސް، ލައިފް ޖެކެޓު ހަމަތޯ ޔަޤީންކުރަންޖެހޭ

  • އޮޑީގައި ތެޔޮ ހުރިތޯ ބެލުމާއި، 4 ގަޑިއިރަށް ވުރެ ދިގު ދަތުރެއް ކުރާނަމަ ޕަސެންޖަރުންނަށް ވާވަރަށް ބޯފެން ހުރިތޯ ބެލުން ބުއްދިވެރި

މި ދުވަސްވަރު ދަތުރުފަތުރު ކުރާއިރު، މޫސުމަށް ސަމާލުވެ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިގެން ދަތުރުކުރުމަށް، އެމް.އެން.ޑީ.އެފްގެ ކޯސްޓު ގާޑުން އިލްތިމާސް ކުރައްވައިފިއެވެ. ކޯސްޓްގާޑުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިވަނީ މިދުވަސްވަރަކީ މޫސުންވެސް ގޯސް ދުވަސްވަރަކަށް ވެފައި، މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވާތީ ކަނޑުދަތުރުފަތުރު ކުރާ މިންވަރު އިތުރުވެގެންދާތީއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފް ކޯސްޓު ގާޑްގެ ފަސްޓް ސާޖަންޓް އިބްރާހިމް ނިޝްރީން ވިދާޅުވީ، ޚާއްސަކޮށް ޢީދު ބަންދާއި ދިމާކޮށް، މި ދުވަސްވަރު ދަތުރު ކުރާއިރު، މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، އުޅަނދުފަހުރު ދަތުރު ކުރާއިރު، ދަތުރަށް ރަނގަޅަށް ތައްޔާރުވެގެން ދަތުރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ހަމައެއާއިއެކު، އޮޑިދޯނިފަހަރު ދަތުރު ކުރާއިރު، ރަނގަޅަށް އިންޖީނުގައި ތެޔޮ ހުރިތޯ ބަލާ، ޙާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ދަތުރު ކުރާނަމަ، އުޅަނދުގައި ތިބި ޕަސެންޖަރުންނަށް، ވާވަރަށް ލައިފް ޖެކެޓު ހުރިތޯ ބަލާ ކަށަވަރު ކުރުމަކީ، ވަރަށް ވެސް މުހިންމު ކަމެއް ކަމަށް ނިޝްރީން ވިދާޅުވިއެވެ.

"ޕަސެންޖަރުންނަށް އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައަކީ، އުޅަދަނކަށް ވިޔަސް، ބޮޑު ލޯންޗަކަށް ވިޔަސް، ކުޑަ ލޯންޗަކަށް ވިޔަސް، އަރާފައި ލައިފް ޖެކެޓު އަޅުއްވާގެން ދަތުރުކުރެއްވުން، އެއީ އަޅުގަނޑު ކުރާ އިލްތިމާސް އެއް" ނިޝްރީން ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ކޯސްޓް ގާޑްގެ ފަސްޓް ސާޖަންޓް މުޙައްމަދު ޝާފީ ވިދާޅުވީ، ދަތުރަށް ފެށުމުގެ ކުރިން އުޅަނދުފަހަރުގައި ރަނގަޅަށް ތެޔޮ ހުރިތޯ ޔަޤީން ކުރުމަކީ އުޅަނދުފަހަރުތަކުގެ ކައްޕީންނާއި، އޮޑިދޯނިފަހަރު އޮޕަރޭޓު ކުރާ ފަރާތްތަކުން ޙާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށެވެ. ހަމައެހެންމެ، އުޅަނދުފަހަރުގައި ތެޔޮ ހުސްވެގެންވެސް، ކޯސްޓު ގާޑަށް ބައެއްފަހަރު މަޢުލޫމާތު ލިބޭ ކަމަށާއި، ކަނޑުތައް ގަދަ މިފަދަ ދުވަސްވަރެއްގައި، ޙާއްސަކޮށް އެފަދަ ކަންކަމަށް ސަމާލުވެލެއްވުމަށް، އެ ބޭފުޅާ ވަނީ އިލްތިމާސް ކުރައްވާވައެވެ.

މީގެ އިތުރަށް، 4 ގަޑިއިރަށް ވުރެ ދިގު ދަތުރެއް ކުރާނަމަ، އުޅަނދުގައި ތިބި ހުރިހާ ޕެސެންޖަރުންނަށް ވާވަރަށް ފެން ހުރިތޯ ބެލުމަކީވެސް، ކޮންމެހެން ކުރުން މުހިންމު ކަމެއްކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ. ހަމައެއާއިއެކު، އުޅަނދުތަކަކީ ދަތުރުކުރުން ރައްކާތެރި، އުޅަނދުތަކެއްތޯ ކަށަވަރުކުރުމަށްޓަކައި، "އޮޕަރޭޝަން އަލްޙާ"ގެ ނަމުގައި ކޯސްޓް ގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ޙާއްސަ އޮޕަރޭޝަނެއް، ޢީދު ބަންދާއި ދިމާކޮށް ހިންގަމުން އަންނަކަމަށްވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއިއެކު، ދަތުރުފަތުރު ކުރައްވާ ބޭފުޅުން، ޢާއިލާގެ މެންބަރުންނަށްވެސް ދަތުރާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފާއި އޮތުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފަސްޓް ސާޖަންޓް މުޙައްމަދު ޝާފީ ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތްތާގައި، ކޮންމެ ބަޔަކުވެސް، އަދި މުދާ އުފުއްލާ ބަޔަކު ވިޔަސް، އަދި ޕަސެންޖަރުން އުފުއްލާ އުޅަނދުފަހަރު ވެސް، ދަތުރެއް އެއީ ކޮން ޕޮއިންޓަކުން، ކޮން ތަނަކަށް ދާ، ކޮން މަންޒިލަކުން ކޮން މަންޒިލަކަށް ދާ އެއްޗެއްކަން، އެ އޮޕަރޭޓު ކުރާ ފަރާތަށްވެސް އަދި ޢާއިލާ މެންބަރުން ގާތުގައިވެސް ބުނެފައި އޮތުމަކީ، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ވަރަށް ބޮޑު ފިޔަވަޅެއް" ޝާފީ ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފްއިން ވަނީ އުޅަނދުފަހަރު ފުރުމުގެ ކުރިން ރަނގަޅަށް ތައްޔާރުވެގެން ފުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުއްވާ އެލަރޓުތަކަށް ސަމާލުވެލެއްވުމަށާއި، އަލިފާން ނިއްވާ ފުޅި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެއްލެވުމަށްވެސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ހަމައެހެންމެ، ދަތުރުފަތުރު ކުރައްވާ ހުރިހާ ބޭފުޅުންވެސް، ލައިފް ޖެކެޓް އަޅުއްވާގެން ދަތުރު ކުރެއްވުމަށް އެ ބޭފުޅާ ވަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާފައެވެ.

ކޯސްޓް ގާރޑުގެ އިތުރުން، ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވެސް އަންނަނީ، ހުޅަނގު މޫސުމުގެ މި ވިއްސާރާގައި، ކަނޑުދަތުރުފަތުރު ކުރައްވާ ބޭފުޅުން، މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.