ގޯތި ލިބޭ މީހުންނަށް ލިޔުން ހަވާލުކުރުމާއި، ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތުނެގުންވެސް މިމިމަސްތެރޭގައި އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗަރއިން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މިހާރު ދަނީ، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުމަށް ތައްޔާރުވަމުންނެވެ.
މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދޫނުކުރާތާ ސާޅީހަކަށް އަހަރު ފަހުން، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދޭނެކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. ގެދޮރުވެރިޔާ ސްކީމްގެދަށުން 5000 ގޯތި ދޫކުރައްވާނެ ކަމަށް ސަރުކާރުންވަނީ އިޢުލާންކުރައްވާފައެވެ. އެއީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެންނެވެ.
ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ގޯއްޗަށް ހުޅުވާލި މުއްދަތުގައި 15000އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. މީގެތެރެއިން 12794 މީހެއްގެ ޝަރުތު ހަމާވާކަމަށްވަނީ ހާމަކޮށްފައެވެ.
ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް ނެރުމުގެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލިސްޓް އިޢުލާން ކުރެއްވުމަށް ތައްޔާރުވަމުންދާކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ހާމަކުރައްވާފައެއް ނެތެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، ޝަކުވާތައް ރިވިއުކުރުމުގެ މަސައްކަތް މުޅިންހެން ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ލިސްޓަށް ބަދަލު އަންނަފަދަ ޝަކުވާތައް މަދުކަމަށް އޭނާ ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ބިންތަކުގެ މިން ކަނޑައެޅުމާއި، ބިން ދޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތްކަމަށެވެ.
"ލިސްޓް ނެރުމަށްފަހު ފުރަތަމަ ލާނީ ގުރުއަތު، އެމީހަކަށް ގޯތި ލިބޭނީ ކޮން ތާކުންތޯ ކަނޑައަޅަން. ލިސްޓް ނެރޭއިރު އިނގޭނެ އެމީހަކަށް ލިބޭ ގޯތީގެ ސައިޒު. ޖޮއިންވެގެން ލާފައިވާ ގިނަ މީހުން ހިމެނޭ ފަރާތްކަށް 4000 އަކަފޫޓުގެ ގޯތި ދޭނީ ހުޅުމާލެ އަދި ގުޅީފަޅުން." އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މިހާރު ހުރި ބިމަށް ބަލާއިރު ހުޅުމާލެއިން 1250 އަކަފޫޓުގެ 2200 ގޯތި ދެވޭކަމަށެވެ. އަދި ގުޅީފަޅުން 3600 ގޯތީގެ ބިން ކަނޑައަޅާފައިވާކަމަށެވެ. މީގެއިތުރުން ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމަށް މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމުން އިތުރަށް ބިން ލިބޭނެކަމަށެވެ. މިދެ މަޝްރޫޢުގެވެސް %50 މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވި 5000 ގޯތީގެ އިތުރުންވެސް، އިތުރަށް ގޯތި ދެއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.