ޚަބަރު

ގޯތީގެ ގުރުއަތުލުން އަންގާރަދުވަހު؛ ދައުރު ނިމުމުގެ ކުރިން ގޯތިތައް ހަވާލުކުރާނެ


  • ދާއިމީ ލިސްޓްގައި 19639 މީހަކު ގޯއްޗަށް ޝަރުތު ހަމަވޭ

  • އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ

  • ދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ

ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލި ފުރުޞަތުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތި ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަދުވަހު އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ދާއިމީ ލިސްޓްގައި 19639 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށެވެ. ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނި ނުކުށް ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރުން ދެމެދުގެ މީހުންނެވެ.

އަކްރަމް ވިދާޅުވީ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ގޯތި ލިބޭ 18955 މީހުންނަށް ގޯތި ދިނުމާ ރަޖިސްޓްރީ ހަވާލުކުރުން އަންނަ އަންގާރަ ދުވަހު ފަށްޓަވާނެ ކަމަށެވެ. ގޯތި ލިބޭ ފަރާތްތަކަށް ދެއްވާނީ ވަގުތީ ރަޖިސްޓްރީ އެއް ނޫން ކަމަށާއި އެފަރާތްތަކަށް ދެއްވާނީ ދާއިމީ ރަޖިސްޓްރީއެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ލިސްޓްގައިވާ މީހުންނަށް ގޯތި ދޭނެ ތަންތަން ކަނޑައަޅާނީ އަންނަ އަންގާރަ ދުވަހު ބާއްވާ ގުރުއަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން މިދިޔަ އަހަރުގެ ޖޫންމަހު ހުޅުވާލި ފުރުސަތުގައި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.